16 Jan 2012, 17:13
ޖެނުއަރީ އެކަކުން ފެށިގެން ޑިއުޓީ މާފުވުމާއެކު ބާޒާރުގައި ތަކެތީގެ އަގު ދަށްވެ ބައެއް ބާވަތްތައް ވަރަށް ބޮޑަށް އަގު ހެޔޮވެއްޖެ އެވެ. ހޯލްސޭލަރުން ބުނަނީ މި މަހުގެ ފަހުކޮޅު ނޫނީ އަންނަ މަހުގެ ފެށޭ ހިސާބުގައި ގިނަ ތަކެތީގެ އަގު އަދިވެސް ހެޔޮވެ އަގުތައް އަތް ފޯރާ ފަށަށް ޖެހޭނެ ކަމަށެވެ.
އަގުތަކަށް ބަލާއިރު ބީއެޗްއެމްއިން 395ރ. ވިއްކާ އަކުބަރު ސައިފަތް ބޮޑު ކޭހެއް މިހާރު ވިއްކަނީ 360ރ. އަށެވެ. ކުޑަ ކޭހަކުން 20ރ. އަގު ހެޔޮކޮށް މިހާރު ވިއްކަނީ 190ރ. އަށެވެ. މީގެ ކުރިން އެ ސައިޒްގެ ކޭސް ވިއްކީ 210ރ. އަށެވެ. އެ ފިހާރައިން "މިލްކް ރަސްޓް" ފާރޮށި، ކޭހެއް 300ރ. އަށް ވިއްކަމުން އައި ނަމަވެސް މިހާރު ކޭހެއްގެ އަގަކީ 280ރ. އެވެ.
ބާޒާރުގައި ފިޔާ އަލުވި، ތަރުކާރީ އަދި މޭވާގެ ބާވަތްތަކުގެ އަގު ވެސް ވަނީ ހެޔޮކޮށްފަ އެވެ. އަލުވި ބަސްތާއެއްގެ އަގުން 30ރ. ހެޔޮވެ ބަސްތާއެއް މިހާރު ހުރީ 200ރ. އަށެވެ. ފިޔާ ބަސްތާއެއްގެ އަގު 190ރ. އާ ހަމައަށް ވަނީ ތިރިވިއިރު ކެބެޖް ކިލޯއަކުން 13ރ. ވަރު އަގު ހެވެ.
މޭވާއަށް ބަލާއިރު އޮރެންޖެއްގެ އަގު 2.50ރ. އަށް ވެއްޓި އާފަލެއް ތިން ރުފިޔާއަށް ލިބެން އެބަހުއްޓެވެ.
ޑިއުޓީ ކަނޑައިލުމުން ވިޔަފާރިވެރިން އަގުތަކަށް ގެނައި ބަދަލާއެކު ގިނަ މުދަލުގެ އަގު ވަނީ ދަށައް ދާންފަށާފަ އެވެ. އެގޮތުން ވޭތުވެ ދިޔަ ހަފުތާގައި ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮވިއޮރު ކޮފީ ވެސް ވަނީ ހެޔޮ ވެފަ އެވެ.