30 Sep 2020, 15:24
ކުވައިތު (ސެޕްޓެމްބަރު 30) : ކުވައިތުގެ އަމީރުކަމުގެ ހުވާ އެގައުމުގެ ވަލީއަހުދުގެ މަގާމުގައި ހުންނެވި ޝައިޚް ނައްވާފް އަލް އަހްމަދު ކުރައްވައިފިއެވެ.
ކުވައިތުގެ އަމީރުގެ އޮފީސް (ދީވާނުލްއަމީރީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 83 އަހަރުގެ ނައްވާފުލް އަހްމަދު އަމީރުކަމުގެ ހުވާ ކުރެއްވީ ޕާލަމެންޓްގެ ކުރިމަތީގައި ކަމަށެވެ. ކުވައިތުގެ ދަސްތޫރުގައިވާ ގޮތުން އަމީރު އަވަހާރަވެއްޖެ ހާލަތެއްގައި އަމީރަކަށް ވެވަޑައިގަންނަވާނީ ވަލީއަހުދެވެ. ނަމަވެސް އެކަން އިއުލާނުކުރާނީ ކުވައިތުގެ ވަޒީރުންގެ މަޖލީހުންނެވެ.
ކުވައިތުގެ އަމީރުގެ އޮފީސް (ދީވާނުލްއަމީރީ) އިން އިއްޔެ ނެރުނު ބަޔާނެއްގައި އެގައުމުގެ އަމީރު ޝައިޚް ސަބާހުލްއަހްމަދު 91 އަހަރުގައި އަވަހާރަވިކަން ވަނީ އިއުލާނުކޮށްފައެވެ. އައު އަމީރު ޝައިޚް ނައްވާފް އަލްއަހްމަދަކީ އަވަހާރަވި އަމީރު ޝައިޚް ސަބާހުލްއަހްމަދު ގެ އެއްބަފާ ކޮއްކޯފުޅެވެ. ޝައިޚް ނައްވާފު، ވަލީއަހުދު ކަމަށް އިސްކުރެއްވީ ޝައިޚް ސަބާހެވެ. ކުވައިތުގެ ދަސްތޫރު ބުނާގޮތުން އަމީރު އަވަހާރަވުމާއި އައުއަމީރަކު މަގާމުގެ ހުވާ ކުރެއްވުމާ ދެމެދު ގައުމުގެ އެންމެ އިސް ފަރާތަކީ ވަޒީރުންގެ މަޖިލީހެވެ. އެމުއްދަތުގައި ގައުމުގެ ކަންކަން ނިންމާނީ ވަޒީރުންގެ މަޖިލީހުގެ އަޣްލަބިއްޔަތުންނެވެ.
ކުވައިތުގެ އައު އަމީރު ޝައިޚް ނައްވާފް އަލްއަހްމަދަކީ 1937 ވަނައަހަރު ދުނިޔެގެ އަލިކަނ ދެކެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާއަކީ 1962 ވަނައަހަރު ކުވައިތަށް މިނިވަންކަން ލިބުމަށްފަހު އެގައުމުގެ ސިޔާސީ މައިދާނު އިސްސަފުގައި ހަރަކާތްތެރިވަމުން ގެންދެވި ބޭފުޅެކެވެ. ޝައިޚް ނައްވާފް ތައުލީމު ހާސިލް ކުރެއްވީ ކުވައިތުގެ ރަސްމީ ނިޒާމުގައި ހިމެނޭ މަދްރަސާތަކުންނެވެ. ބޭރުން ތައުލީމު ހާސިލް ކުރައްވާފައެއް ނުވެއެވެ.
ފާއިތުވި 60 އަހަރު ތެރޭގައި އޭނާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ކުވައިތުގެ ހަވައްލީ ޕްރޮވިންސްގެ ގަވަރުނަރުކަމާއި އެތަށް ވުޒާރާއެއްގެ ވަޒީރުކަމާއި ބޮޑުވަޒީރުކަމާއި ވަލީއަހުދުކަން ހިމެނެއެވެ. އެންމެ ގިނަދުވަހު އަދާކުރެއްވީ ދާޚިލީ ވަޒީރުކަމުގެ މަގާމެވެ. (އަލްޖަޒީރާ)