އެއްޒަމާނެއްގައި އެމެރިކާއަކީ އިންސާނުންނަށް އެންމެ ބޮޑު މިނިވަންކަމެއް ދީފައިވާ އަދި ދުނިޔޭގެ އެންމެ މިނިވަން ގައުމު ކަމަށް ވިޔަސް މިހާރު އެމަންޒަރު ބަދަލުވެ އެމެރިކާއަކީ އިންސާނުންގެ މިނިވަންކަމަށް އަރައިގަންނަމުންދާ ގައުމެކެވެ.

ޖޯޖް ވޮޝިންޓަން ޔުނިވާސިޓީގެ ޕަބްލިކް އިންޓަރަސްޓް ލޯ އާބެހޭ ޕްރޮފެސާގެ ގޮތުގައި މަސައްކަތް ކުރައްވާ ޖޮނަތަން، ވޮޝިންޓަން ޕޯސްޓްގައި ލިޔުއްވާފައިވާ ގޮތުގައި އެމެރިކާއަކީ އިންސާނީ ހައްގުތަކުގައި ނަމޫނާއަކަށް ބަލަންޖެހޭ ވަރަށްވުރެ ހުދު އެމެރިކާގެ ރައްޔިތުންގެ މިނިވަން ކަމަށާއި އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ގައުމެކެވެ.

ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށްފަހު އެމެރިކާއަކީ ބޭރުގައުމުތަކުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކުގެ އިތުރުން ހުދު އެމެރިކާގެ ރައްޔިތުންގެ ހައްގުތަކަށްވެސް އަރައިގަންމުންގެންދާ ގައުމެއް ކަމަށާއި އެމެރިކާގެ ރައްޔިތުންގެ މަދަނީ ހައްގުތައްވެސް އެހަމަލާތަކަށްފަހު އެމެރިކާގައި ވަރަށް ބޮޑަށް ހަނިކޮށްލާފައިވާ ކަމަށް ޖޮނަތަން ލިޔުއްވާފައިވެ އެވެ.

އެމެރިކާއަކީ އިންސާނީ ހައްގުތަކަށް އެހެން ގައުމުތަކުން އަރައިގަންނަމުން ގެންދާ މިންވަރު ބަލައި އެކަންކަން ފާހަގަކޮށް ކޮންމެ އަހަރަކު ރިޕޯޓެއް ނެރެމުންދާ ގައުމަކަށްވާއިރު މިރިޕޯޓްގައި އެމެރިކާ އަމިއްލައަށް އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ މިންވަރު ބަޔާން ނުކުރެވޭކަމީ އެމެރިކާގެ ރައްޔިތުން ކަންބޮޑުވާ ކަމެއްކަން ޖޮނަތަން ލިޔުއްވާފައިވެ އެވެ.

އިންސާނުންގެ މިނިވަންކަމަށާއި ހައްގުތަކަށް އަރައިގަތުމުގައި އެމެރިކާވެސް އިސްތިސްނާ ނުވާއިރު މިކަން ހާމަކޮށްދިނުމަށް 10 ކަމެއް ޖޮނަތަން ފާހަގަކުރައްވާފައިވެ އެވެ. މީގެތެރެއިން 5 ކަމެއް މިތާނގައި ލިޔެލަމެވެ.

ފުރަތަމަކަމަކީ ޓެރަރިސްޓެއް ކަމަށް ޝައްކުކުރެވޭ ކޮންމެ މީހަކު (އެމީހަކީ އެމެރިކާގެ ރައްޔިތެއް ނަމަވެސް) ފެނުނުތަނަކުން ބަޑިޖަހައި މެރުމުގެ އަމުރެއް (އެމެރިކާގެ ގާނޫނު އަސާސީއާ ހިލާފަށް) އެމެރިކާގެ ހަރުކަށި ރައީސެއް ކަމަށްވާ ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި ނެރުއްވާފައިވާއިރު އެއަމުރު މިހާރުވެސް އެމެރިކާ ސަރުކާރުން ތަންފީޒުކުރަމުން ގެންދިޔުމެވެ. މިއަމުރު ތަންފީޒުކުރުމުގެ ގޮތުން އެމެރިކާ ދާދިފަހުން ވަނީ ޔަމަން ދަރިކޮޅުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ އަންވަރުލްއަވްލަގީއަކީ ޓެރަރިސްޓެއް ކަމަށް ތުހުމަތުކޮށް ޝަރީއަތަށް ހާޒިރު ކުރުމަކާނުލައި އޭނާ މަރާލާފަ އެވެ.

ދެވަނަ ކަމަކީ ޓެރަރިސްޓުން ކަމަށް ތުހުމަތުކުރެވޭ މީހުން ކޯޓު އަމުރަކާނުލައި ވަކި މުއްދަތެއް ނެތް ގޮތަށް ހައްޔަރުކޮށްފައި ބޭތިއްބުން ހުއްދަ ކުރާ ގާނޫނެއް ކޮންގްރެސްއިން ފާސްކޮށް ރައީސް އޮބާމާ މިދިޔަ މަހު ތަސްދީގު ކުރައްވާފައިވުމެވެ.

ތިން ވަނަ ކަމަކީ ޓެރަރިޒަމްގެ ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް ހިންގާނީ އަސްކަރީ ކޯޓެއްގައި ކަން ނުވަތަ ފެޑްރަލް ކޯޓެއްގައިކަން ކަނޑައެޅުމުގެ ބާރު މިގާނޫނުގައި އެމެރިކާގެ ރައީސަށް ލިބިދީފައިއޮތުމެވެ. މިސްރާއި ޗައިނާ ފަދަ ގައުމުތަކުގައި މިކަން މިގޮތަށް އޮތުމުން އެއީ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށް ބުނެ އެފަދަ ގައުމުތަކާ ދެކޮޅަށް އެމެރިކާ ވަރަށް ބާރަށް އަޑުއުފުލާފައިވެ އެވެ.

ހަތަރު ވަނަ ކަމަކީ އެމެރިކާގެ ރައްޔިތުންގެ މާލީ ހާލަތާއި އެމީހުންގެ ޕާސަނަލް ގުޅުންތައް އޮންނަ ފަރާތްތަކާއި އެގުޅުންތައް ބަހައްޓާ ގޮތް ފަދަ ވަރަށް ޕާސަނަލް ކަންތައްތައް ބެލުމަށް އެކިފަރާތްތަކަށް އަމުރުކުރުމުގެ ޤާނޫނީ ބާރު އެމެރިކާގެ ރައީސަށް ލިބިދީފައި އޮތުމެވެ. މިއީ އުތުރު ކޮރެޔާ ފަދަ ގައުމުތަކުގެ ސަރުކާރުތަކުން އެގައުމުތަކުގެ ރައްޔިތުންގެ ބޯކޮޅު ބަލަމުންދާގޮތަށް ކުރެވޭ ކަމެކެވެ.

ފަސްވަނަ ކަމަކީ ޓެރަރިޒަމް ފަދަ ކަންކަމުގައި ތުހުމަތުކުރެވިފައިވާ އެމެރިކާގެ ރައްޔިތުންނާއި އެމެރިކާގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންވެސް ބޭނުންވެއްޖެ ހިނދެއްގައި އެމެރިކާއިން ބޭރުކުރުމުގެ ގާނޫނީ ބާރު އެމެރިކާގެ ސަރުކާރަށް ލިބިފައިއޮތުމެވެ. މީގެ މާނައަކީ މިފަދަ މީހުންގެ މައްޗަށް ޝަރީއަތް ހިންގުމަށްޓަކައި އެމީހުން ކޮންމެފަދަ ގައުމަކާ ވެސް ހަވާލުކުރުމުގެ ގާނޫނީ ބާރު އެމެރިކާގެ ސަރުކާރަށް ލިބިފައިއޮތުމެވެ.

ރައްޔިތުންގެ މިނިވަންކަމާއި އަސާސީ ހައްގުތަކަށް ހުރަސް އެޅޭ މިފަދަ ބާރުތައް އުތުރުކޮރެޔާ، މިސްރު ސައުދީ އަރަބިޔާ، ޕާކިސްތާން، ސޫރިޔާ އަދި ކިޔުބާ ފަދަ ގައުމުތަކުގެ ސަރުކާރުތަކަށް ލިބިފައިވާތީ އެއީ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށް ބުނެ ކުރިން އެގައުމުތަކަށް އެމެރިކާ ފާޑުކިޔާފައިވާކަން ޖޮނަތަންގެ އާޓިކަލްގައި ފާހަގަކުރައްވާފައިވެ އެވެ. (ވޮޝިންޓަން ޕޯސްޓް)