ކްލިފްލެންޑް (ސެޕްޓެމްބަރު 29): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން އާ ދެމެދު ޓީވީ މެދުވެރިކޮށް ބޭއްވީ ރިޔާސީ ފުރަތަމަ ބަހުސު (މުނަޒާރާ) ގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ހުތުރު އެއްޗެހި ގޮވައި ޒާތީ ގޮތުން ބަހުގެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރައްވައިފި އެވެ.

އޮހާޔޯ ސްޓޭޓްގެ ކްލިފްލެންޑް ގައި ބޭއްވި މި ބަހުސު ފެށުމަށްޓަކައި ޕޯޑިއަމްގެ ކައިރިއަށް ވަޑައިގެން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ސަލާމް ނުކުރެއްވީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ. ރުޅިވެރިކަމާއެކު ތިއްބެވި ދެބޭފުޅުން ރިޔާސީ ކޭމްޕޭނާ ބެހޭ ބަހުސެއް ކުރެއްވުމަށްވުރެ ބޮޑަށް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ދެއްވީ ޒާތީ ބަހުގެ ހަމަލާތަކެވެ. ގޮވީ ހުތުރު އެއްޗިއްސެވެ. ކުރެއްވީ މަލާމާތާއި ފުރައްސާރަ އެވެ. ބޭނުންކުރެއްވީ ހުތުރު އިބާރާތްތަކެވެ.

މި ބަހުސުގައި ވާހަކަދައްކަން ހަމަޖެހިފައިވާ މައުޝޫއު ތަކަކީ ކޮވިޑް-19 އާ ކުރިމަތިލުމުގައި ޓްރަމްޕްގެ ސަރުކާރު ފޭލްވެފައިވާ މައްސަލަ އާއި އެމެރިކާގެ އާދަތަކާ ހިލާފަށް އެމެރިކާގެ ސްޕްރީމް ކޯޓަށް ބޭފުޅަކު އައްޔަންކުރަން ޓްރަމްޕް ނިންމެވި ނިންމެވުމާއި އެމެރިކާގައި ހިނގަމުންދާ ނަސްލީ އިމްތިޔާޒުގެ އަރާރުންތަކުގެ މައްސަލަތަކާއި އިގްތިސާދީ ސިޔާސަތާއި ރިޔާސީ އިންތިހުބުގެ ނަޒާހަތްތެރިކަން މި މައުޟޫއުތަކެވެ.

މިމައުޟޫއުތަކަށް ކުރެއްވި ބަހުސުގައި ބައިޑެން، ޓްރަމްޕް ސިފަކުރައްވާފައިވަނީ ދުނިޔޭގައި ހުންނެވި އެންމެ ބޮޑު ދޮގުވެރިޔާގެ ގޮތުގަ އެވެ. ފާއިތުވި ހަތަރު އަހަރުގައި ޓްރަމްޕް އެމެރިކާގެ ރައްޔިތުންނަށް މުޅިންވެސް ހައްދަވާފައިވަނީ ދޮގާއި މަކަރާއި ހީލަތްކަމަށް ބައިޑެން ވިދާޅުވި އެވެ. ޓްރަމްޕްގެ ހަތަރު އަހަރުގެ ވެރިކަމުގައި އެމެރިކާގެ ހާލަތު ގޯސްވެގެންދިޔަގޮތާއި އެމެރިކާގެ އިންތިހާބާ ބެހޭ މުއައްސަސާތަކުގެ އަގުވައްޓާލައި އެމެރިކާގެ ސިޔާސީ ނިޒާމުގެ އަގުވައްޓާލަން ޓްރަމްޕް މަސައްކަތް ކުރެއްވި ކަމަށް ބައިޑެން ތުހުމަތު ކުރެއްވި އެވެ.

ބައިޑެންއާ މުޚާތަބު ކުރައްވައި ޓްރަމްޕް ވިދާޅުވީ ބައިޑެންއަކީ ބުއްދި ފުރިހަމަ ބޭފުޅެއް ނޫންކަމަށާއި އެމެރިކާގެ ރިޔާސަތަށް ބައިޑެން ކުފޫ ހަމަނުވާކަމަށެވެ. އަދި ބައިޑެންއަކީ އެމެރިކާގެ ހައްދު ފަހަނަޅާފައިވާ ވާތުފިޔައިގެ ފިކުރުގެ ބޭފުޅެއްކަމަށާއި ވާތުފިޔައިގެ ފިކުރަކީ އެމެރިކާ ހަލާކުކޮށްލާނެ ފިކުރެއްކަމަށް ވެސް ޓްރަމްޕް ސިފަކުރެއްވި އެވެ.

މީގެއިތުުރުން ޓްރަމްޕްވަނީ އޭނާގެ އިގްތިސާދީ ސިޔާސަތާ އަދި ޓްރެޑިޝަން އާ ހިލާފަށް އެމެރިކާގެ ސްޕްރީމް ކޯޓަށް ބޭފުޅަކު އައްޔަންކުރަން ނިންމެވި ނިންމެވުންވެސް ދިފާއު ކުރައްވާފަ އެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް ޓްރަމްޕްގެ ސަރުކާރު ނުކުޅެދިފައިވާ މައްސަލާގައި ޓްރަމްޕަށް މާބޮޑު ހުއްޖަތެއް ނުދެއްކުނެވެ.

އެންމެ ފަހުގެ ބަހުގެ ހަމަލާތަކުގައި ބައިޑެންވަނީ ޓްރަމްޕަކީ ބޮޑު ޖޯކަރެއްކަމަށް ސިފަކުރައްވާފަ އެވެ. ޓްރަމްޕްގެ އަމަލުތަކާއި ގެންގުޅުއްވާ ސޭކު ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި އެމެރިކާ ރައްޔިތުން ލަދުގަންނަން ޖެހިފައިވާ ކަމަށްވެސް ބައިޑެން ވިދާޅުވި އެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ އެތަށް މިލިޔަން ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި ފަގީރުންގެ ނިސްބަތްވެސް އެމެރިކާގައި މަތިވިކަމާއި ކޮވިޑް ކޮންޓްރޯލް ކުރުމުގައި ޓްރަމްޕް ފޭލްވި މައްސަލަ ބައިޑެން ފާހަގަ ކުރެއްވި އެވެ. މިއީ ޓްރަމްޕާއި ބައިޑެން އާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ތިން ބަހުސު (މުނަޒާރާ) ގެ ތެރެއިން ފުރަތަމަ ބަހުސެވެ. -- (ނޫސްއެޖެންސީތައް)