30 Sep 2020, 07:55
ފުރަތަމަ ފަހަރަށް ރާއްޖޭގެ ސިއްހީ މަރުކަޒެއްގައި ޓެލެމެޑިސިންގެ ހިދުމަތް ތައާރަފްކޮށްފި އެވެ.
އެގޮތުން އަލަށް ޓެލެމެޑިސިން ތައާރަފްކޮށްފައި ވަނީ ތ. ވިލުފުށީ ހެލްތު ސެންޓަރުގަ އެވެ.
ޓެލެމެޑިސިންއަކީ ވީޑިއޯ މެދުވެރިކޮށް އެކި ސަރަހައްދުތަކުގައި ތިބޭ ޑޮކްޓަރުންނާއި ބަލިމީހުން ގުޅުވައިދީ ބަލިމީހުން ބެލުމަށް ބޭނުންކުރާ މުވާސަލާތީ ހިދުމަތެކެވެ.
މީގެ ކުރިން ޓެލެމެޑިސިން ގާއިމްކޮށްފައި ވަނީ އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތަކާއި މާލޭ ހޮސްޕިޓަލްތަކާ ދެމެދު އެވެ.
ވިލުފުށީގެ ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓާ އޮފް ހެލްތު ސާވިސް ޝިއުތު އިބްރާހިމް "ސަން" އަށް ވިދާޅުވީ އެ ހޮސްޕިޓަލްގައި ޓެލެމެޑިސިން ގާއިމްކުރީ ހުޅުމާލެ ހޮސްޕިޓަލާ ދެމެދުގައި ކަަމަށެވެ.
"މީގެ ދެ ދުވަސްކުރިން ހުޅުވާލީ ހުޅުމާލެ ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ދައްކަން ނަން ނޯޓްކުރަން. މިހާރު ވިއްސަކަށް މީހުން ނަންނޯޓްކޮށްފި. ބުރާސްފަތި ދުވަހު ނަންތައް ހުޅުމާލެ ހޮސްޕިޓަލަށް. ދެން އަންނަ ހަފްތާ އެ ބޭފުޅުންނަށް ޑޮކްޓަރުންނަށް ދެއްކޭނެ،" ޝިއުތު ވިދާޅުވި އެވެ.
ޓެލެމެޑިސިން ބޭނުންކޮށްގެން ހުޅުމާލެ ހޮސްޕިޓަލްގެ ކަރުންމަތީގެ، ކުޑަކުދިންގެ، ކަށީގެ، ހިތުގެ ބަލީގެ އަދި އެހެނިހެން ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގުގެ ފުރުސަތު ލިބޭނެކަމަށް ޝިއުތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމާޒަކީ އެރަށް ކައިރީގައި އޮންނަ އެހެނިހެން ރަށްރަށުގެ މީހުންވެސް ވިލުފުށީ ހެލްތު ސެންޓަރަށް ޒިޔާރަތްކޮށް ޓެލެމެޑިސިން މެދުވެރިކޮށް ޑޮކްޓަރަށް ދެއްކޭނެ ގޮތް ހެދުން ކަމަށެވެ.