އަންނަ މާޗު މަހު ފަށާ އޭއެފްސީ ކަޕުގެ މެނޭޖާސް މީޓިންގައި ބައިވެރިވުމަށް ރާއްޖޭގެ ވީބީ ސްޕޯޓްސް ކުލަބުގެ ދެ އޮފިޝަލަކާއި ވިކްޓަރީގެ ދެ އޮފިޝަލެއް ރޭ މެލޭޝިޔާއަށް ފުރައިފި އެވެ.

މިފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖެއިން ބައިވެރިވާ ދެ ޓީމަކީ ހަމައެކަނި ވިކްޓަރީ އާއި ވީބީ އެވެ.

މީޓިންގައި ބައިވެރިވުމަށް ރޭ ވީބީން ދިޔައީ އެ ޓީމްގެ ސީއީއޯ މުޙައްމަދު ގަހުތާން ހަލީމާއި މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) އެވެ. ވިކްޓަރީން ދިޔައީ މެނޭޖަރު އަހުމަދު އަޔާޒު (އަޔާ) އާއި ހަސަން ފަޔާޒް (ފަޔާ) އެވެ.

އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް މިހާރު ފެށުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ ހަތް ވަނަ ދުވަހު އެވެ. މުބާރާތުގައި ވީބީ ހިމެނެނީ ގްރޫޕް ސީގަ އެވެ.

މުބާރާތުގައި ވީބީ ކުޅެންޖެހޭ ފުރަތަމަ މެޗުގައި މާޗް މަހުގެ އަށް ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ލުބުނާނުގެ އަލް އަހްދާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި މާޗު މަހުގެ 21 ވަނަ ދުވަހު ވީބީ ނުކުންނާނީ ކުވައިތުގެ ޓީމަކާ ދެކޮޅަށެވެ. އެ މެޗް ކުޅޭނީ މާލޭގަ އެވެ.

މުބާރާތުގައި ވިކްޓަރީ އަދި ކުޅުމަށް ހަމަޖެހިފައި ވަނީ ޕްލޭއޮފް މެޗެކެވެ. އެ މެޗް ކުޅޭނީ އަންނަ މަހުގެ 18 ވަނަ ދުވަހު ޔަމަނުގެ އަލް ތިލާލާ ދެކޮޅަށެވެ. އެމެޗުން ވިކްޓަރީ މޮޅުވެއްޖެ ނަމަ، ގުރޫޕް ސްޓޭޖުގައި ވިކްޓަރީ ވެސް ވާދަކުރަންޖެހޭނެ އެވެ.