އުމުރުފުޅުން 91 އަހަރުގައި ކުވޭތުގެގެ އަމިރު ޝެއިހް ސަބާހު އަލް އަހުމަދު އަލް ސަބާހު އަވަހާރަވެއްޖެ އެވެ.

ޝެއިހް ސަބާހު އަލް އަހުމަދު އަލް ސަބާހު އަވަހާރަވުމާ ގުޅިގެން ދެން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ އެމަނިކުފާނުގެ ކޮއްކޯފުޅު އުމުރުން 83 އަހަރުގެ ވަލީއަހުދު ޝެއިހް ނަވާފް އަލް އަހުމަދެވެ.

މިދިޔަ ޖުލައި މަސް ތެރޭ ޝެއިހް ސަބާހު އާލާސްކަންފުޅާ އުޅުއްވިކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެދުވަސްކޮޅު އެމަނިކުފާނު ވަނީ، އޮޕަރޭޝަނެއް ކުރެއްވުމަށް އެމެރިކާއަށް ވަޑައިގެންފައެވެ. ނަމަވެސް އެއީ ކޮންކަހަލަ އޮޕަރޭޝަނެއް ކަން ކުވޭތު ސަރުކާރުން ހާމައެއް ނުކުރެއެވެ.

ޝެއިހް ސަބާހް ވެރިކަމަށް ވަޑައިގެންނެވީ ޖެނުއަރީ 29، 2006 ވަނަ އަހަރުއެވެ. އެމަނިކުފާނު ކުވޭތުގެ އަމީރުކަން ލިބިވަޑައިގެންނެވީ، އޭރު ހުންނެވި އަމީރު ސާދު އަލް-އަބްދުﷲ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ނުވަ ދުވަސް ތެރޭ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މަގާމުން ދުރުކުރުމާ ގުޅިގެންނެވެ. ސާދު އަލް-އަބްދުﷲ މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލީހުން ނިންނީ، އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.

މީގެ 14 އަހަރު ކުރިން ކުވޭތްގެ ވެރިކަން ކުރެއްވި ޝެއިހް ސަބާހު ވަނީ އެގައުމުގެ ބޮޑު ވަޒީރުކަންވެސް މީގެ ކުރިން ކުރައްވާފައެވެ. އެއީ ކުރީގެ އަމިރު ޖާބިރު އަލް އަހުމަދު އަލްޖާބިރުގެ ވެރިކަމުގައެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ ދެފަހަރެއްގެ މަތިން އެގައުމުގެ ހާރިޖީ ވަޒީރުކަންވެސް ކުރައްވާފައެވެ.

ޖޫން 16، 1929 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޝޭހް ސަބާހަކީ ކުވޭތުގެ ދައުލަތުގެ 15 ވަނަ އަމީރެވެ. އޭނާ ވެރިކަމަށް އިސްވެ ވަޑައިގަތުމުން އިރާގާއި ސީރިއާއަށް އެހީ ފޯރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްތަކަށާއި އަރަބި ގައުމުތަކުން ގަތަރު ބޯއިކޮޓް ކުރި މައްސަލަ ހައްލު ކުރުމަށް ކުރައްވާ މަސައްކަތަށް ގިނަ ބަޔެއްގެ ތައުރީފު ވަނީ ލިބިފަ އެވެ.