16 Jan 2012, 16:55
އިސްލާމް އާބާދު (ޖަނަވަރީ 16) : ޕާކިސްތާން ތާލިބާނުންގެ ވެރިޔާ ހަކީމުﷲ މަހްސޫދު އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަވަހާރަވެއްޖެކަން ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ މަސްއޫލުވެރިން ހާމަކުރައްވައިފި އެވެ.
ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި، ޕާކިސްތާނުގެ ޖާސޫސީ 4 މަސްއޫލުވެރިއަކު ވިދާޅުވީ ޕައިލެޓަކާނުލާ ދަތުރުކުރާ އެމެރިކާގެ މަތިންދާ ބޯޓަކުން ދިންޙަމަލާއެއްގައި މިޖެނުވަރީ މަހުގެ 12 ވަނަ ދުވަހު މަހުސޫދު އަވަހާރަވެފައިވާ ކަމަށް ބުނެ ތާލިބާނުންގެ އިސްވެރިންގެ ދެ މީހަކު ފޯނުން ދައްކާފައިވާ ވާހަކަތަކެއް ސިއްރުން އަޑުއަހާފައިވާ ކަމުގަ އެވެ.
މަހުސޫދު އަވަހާރަވެފައިވާކަން މިނޫން ގޮތަކުން އެނގިފައިނުވާ ކަމަށް ޕާކިސްތާނުގެ މި 4 މަސްއޫލުވެރިން ވިދާޅުވި އެވެ. އަދި މަހުސޫދަކީ ޕާކިސްތާނުގެ އަމްނާއި ސަލާމަތަށް ހުރި އެންމެ ބޮޑު އެއް ނުރައްކާ ކަމަށް ވެސް މި 4 މަސްއޫލުވެރިން ސިފަކުރައްވާފައިވެ އެވެ.
ތާލިބާނުން ވަނީ މަހުސޫދު އަވަހާރަކޮށްލި ކަމަށް ފެތުރުނު މިހަބަރު ދޮގުކޮށްފަ އެވެ. ހަކީމް އަވަހާރަނުވާ ކަމަށާއި އަދި ހަކީމް އަވަހާރަވިޔަސް އެކަހަލަ އެތައް ހަކީމުންނެއް އެބަތިބި ކަމަށާއި ތާލިބާނުންގެ ހަރަކާތްތަކަށް ހަކީމް އަވާހަރަވުމަކުން ކުޑަވެސް އަސަރެއް ނުކުރާނެ ކަމަށް ތާލިބާނުންގެ ތަރްޖަމާން އާސިމުﷲ ވިދާޅުވި އެވެ. '
ތާލިބާނުންގެ ވެރިޔާ ހަކީމުﷲ މަހުސޫދް އަވަހާރަކޮށްލެވިއްޖެ ކަމަށް ބުނެ 2010 ވަނަ އަހަރުވެސް އެމެރިކާ ހަބަރެއް ފަތުރައި ޕާކިސްތާން ސަރުކާރުން އެހަބަރުގެ ތެދުކަން ކަށަވަރުކޮށްދީފައިވެ އެވެ. ނަމަވެސް އެއަށްފަހުން ހަކީމް ދިރިހުންނަވަކިކޮށް ފެނުމާ ގުޅިގެން އެމެރިކާއަށާއި ޕާކިސްތާނުގެ ޖާސޫސީ އިދާރާއަށް ސިހުން ލިބިފައިވެ އެވެ. (ރޮއިޓާސް)