29 Sep 2020, 11:57
ޗައިނާގައި ނާސަރީ ދަރިވަރުންނަށް ވިހަ ދިން ޓީޗަރަށް މަރުގެ ހުކުމް އިއްވައިފި އެވެ.
ޗައިނާގެ ޖޯއުޒޫ ސިޓީގައި ހުންނަ ކިންޑާގާޓަންއެއްގައި ކިޔަވައިދެމުން ދިޔަ ވޭންގް ޔޫން ވިހަ ދިނުމުން އެއް ކުއްޖަކު މަރުވެ، 24 ކުދިންނަށް އެކި ކަހަލަ އަސަރުކޮށްގެން ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ.
ޔޫން އެ ކުދިންނަށް ވިިހަ ދީފައި ވަނީ އެކުދިންގެ ހެނދުނުގެ ކެއުމަށް ސޯޑިއަމް ނައިޓްރޭޓް އަޅައިގެންނެވެ. ސޯޑިއަމް ނައިޓްރޭއަކީ މަސް ފަދަ ތަކެތި ތައްޔާރުކުރާ އިރު ރަހައަށާއި ގިނަ ދުވަހު ބެހެއްޓުމަށް އަޅާ އެއްވެކެވެ. ނަމަވެސް މާގިނައިން އެ އަޅައިފި ނަމަ ވިހަވެ އެވެ.
އެ ހާދިސާ ހިނގައިފައި ވަނީ މިދިޔަ މާޗު މަހު އެވެ. ވިހަދީފައި ވަނީ އޭނާއާ އެކު މަސައްކަތް ކުރާ އެހެން ޓީޗަރެއް ކިޔަވައިދޭ ދަރިވަރުންނަށެވެ. މިއީ އެ ޓީޗަރާ ޖެހުނު މައްސަލައަކާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ޔޫން ހިންގި އަމަލެއް ކަމަށް ވަނީ ބުނެފަ އެވެ.
ޗައިނާގެ ގްލޯބަލް ޓައިމްސް އިން ބުނީ ޔޫންއަށް މަރުގެ ހުކުމް އިއްވީ އިއްޔެ ކަމަށެވެ.
ޔޫންގެ މައްސަލަ ބެލި ކޯޓުން ބުނީ މީގެ ކުރިން ޔޫންގެ ފިރިމީހާ އަށް ވެސް ސޯޑިއަމް ނައިޓްރޭޓްދިން ކަމަށެވެ. ޔޫންގެ ފިރިމީހާގެ ހާލު ގޯސްވި ނަމަވެސް އޭނާ މަރެއް ނުވެ އެވެ.-- ބީބީސީ--