29 Sep 2020, 07:56
ޕާކިސްތާނުގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕާކިސްތާން މުސްލިމް ލީގް - (ޕީއެމްއެލް-އެން)ގެ ރައީސް ޝެހްބާޒް ޝަރީޕް ހައްޔަރުކޮށްފި އެވެ.
ކުރިން ޕަންޖާބް ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝެހްބާޒްއަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ އެއްބަނޑު އެއްބަފާ ބޭފުޅެއް ވެސް މެ އެވެ.
ޝެހްބާޒް ހައްޔަރުކޮށްފައި ވަނީ ކޮރަޕްޝަންގެ މައްސަލައެއްގަ އެވެ. މިއީ ކޮރަޕްޝަންގެ މައްސަލެއްގައި މިފަހުން ޕާކިސްތާނުން ހައްޔަރުކުރި އެންމެ އިސް ބޭފުޅާ އެވެ.
ޝެހްބާޒް ހައްޔަރުކޮށްފައި ވަނީ މަނީ ލޯންޑަރިންގެ މައްސަލައެއްގަ އެވެ. ހައިކޯޓުން ވަނީ ޝަހްބާޒް ކަފާލަތުގެ ދަށުން މިނިވަންކުރަން ދެކޮޅު ހަދައިފަ އެެވެ.
ޝެހްބާޒް ވަނީ އެ ހުރިހާ ތުހުމަތުތަަކަށް އިންކާރުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ޕާކިސްތާނުގެ ނެޝަނަލް އެކައުންޓަބިލިޓީ ބިއުރޯއިން ބަލަމުންދާ އެކި މުދާތަކަކީ އޭނާގެ އައިލާގެ މެމްބަރުންގެ ނަން މަތީގައި ހުރި މުދާތަކެއް ކަމަށާއި އެ މުދާތަކާ އޭނާއާ ގުޅުމެއް ނެތް ކަމަށެވެ.
ޕީއެމްއެލް-އެންގެ ތަރުޖަމާނު މަރިޔަމް އައުރެންގްޒާބް ވިދާޅުވީ ޝެހްބާޒް މީގެ ކުރިން ވެސް 70 ދުވަސް ވަންދެން ޖަލުގައި އޮންނެވި ކަަމަށާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންހާންގެ ބިރުދެއްކެވުންތަކަށް ޝެހްބާޒް ނުސިހޭނެ ކަމަށެވެ. އަދި އެ ތުހުމަތުތަކަކީ ހަގީގަތެއް ނޫންކަން ކޯޓުގައި ސާބިތުކޮށްދެއްވާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ޝިބްލީ ފަރާޒް ވިދާޅުވީ ޝެހްބާޒްއަށް ކުރާ ތަހުމަތުތަކުގައި ސިޔާސީ ނުފޫޒެއް ނެތް ކަމަށެެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ދަނީ ކޮރަޕްޝަނާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ސިޔާސީ ބޮޑެތި ލީޑަރުންނާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލަތައް ވަނީ ބަލަން ފަށައިފައެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި ޖަމީއަތު އުލަމާ އިސްލާމްގެ އިސް ލީޑަރު ފަޒްލުއްރަހުމާންއައި އެ ބޭފުޅުންގެ އާއިލާގެ އިސް ބޭފުޅުން ހިމެެނިލައްވަ އެވެ.
ނަމަވެސް އިމްރާން ހާންއަށް ފާޑުކިޔާ މީހުން ބުނީ އިމްރާން މުޅިން ވެސް މައްސަލަ ބަަލަނީ އިދިކޮޅުގެ ބޭފުޅުންގެ ކަމަށާއި އަމިއްލަ ޕާޓީގެ އިސް ބޭފުޅުންގެ މައްސަލަ ނުބައްލަވާ ކަމަށެވެ.-- އަލްޖަޒީރާ--