ސްޕޯޓްސް ކައުންސިލުގެ ރައީސް ކަން ކުރައްވަމުން ގެންދަވާ، ކުޅިވަރުގެ ހިދުމަތްތެރިޔާ އިބްރާހިމް އިސްމާއިލް އިއްޔެ ރަސްމީކޮށް ރިޓަޔާ ކުރައްވާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އުމުރުން 70 އަހަރުގައި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގައި އޮންނަ ސްޕޯޓްސް ކައުންސިލްގެ ޗެއާމަންގެ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައި، އެކަން ރަސްމީކޮށް މިނިސްޓަރު މަހްލޫފަށް އިބްރާހިމް އިސްމާއިލް އަންގަވާފައިވާ އިރު، 43 އަހަރު ސަރުކާރަށް ހިދުމަތް ކުރެއްވުމަށް ފަހު އޭނާ ވަނީ 2018 ވަނަ އަހަރު ސަރުކާރުން ރިޓަޔާ ކުރައްވައިފަ އެވެ. އޭގެ ކުރިން އޭނާ އަދާ ކުރައްވަމުން ގެންދެވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކްޓިވްގެ މަގާމެވެ.

އެހެން ނަމަވެސް ކުޅިވަރަށް ކުރައްވާ ލޯތްބާ އެކު، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިސްވެރިޔާގެ ގޮތުގައި މަސައްކަތް ކުރެއްވީ އެވެ. އެކަމަކު މިފަހުން އިބްރާހިމް އިސްމާއީލަށް ކޮވިޑް ޖެހިފައިވާކަން އެނގުމާ އެކު، އާއިލާގެ އެދުމުގެ މަތިންނާ ވެސް އެކު ރިޓަޔާ ކުރައްވަން އޭނާ ނިންމެވީ ކަމަށް މަހްލޫފް ވަނީ ރޭ "ރާއްޖެ ޓީވީ"ގައި ވާހަކަ ދައްކަވަމުން ވިދާޅުވެފަ އެވެ.

"މީގެ ދުވަސްކޮޅެއް ކުރިން، ހާއްސަކޮށް އިބްރާހިމް އިސްމާއިލް ކޮވިޑަށް ޕޮޒިޓިވްވެގެން އުޅުއްވި ދުވަސްވަރު ވެސް ވިދާޅުވި، ތިމަންނަ ދެން މި މަސައްކަތުން ދުރަށް ޖެހިލަން ފެމިލީއިން ވެސް ބޭނުންވާ ކަމަށް. އޭރުވެސް އަޅުގަނޑު އެދުނިން އަދި މަޑުކޮށްލެއްވުމަށް. ނަމަވެސް ހަމަ އަމިއްލަފުޅު ބައެއް ކަންކަން މިހެން ހުރުމާ އެކީގައި، މިއަދު [އިއްޔެ] އެ ރިޓަޔާ ކުރެއްވީ." މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ، އިބްރާހިމް އިސްމާއިލްގެ ރިޓަޔާމެންޓް ގަބޫލު ކުރައްވާފައިވާ ކަމަށާއި، އެހެން ނަމަވެސް ނުރަސްމީ ކަންކަމުގައި ބޭނުމެއް ޖެހިގެން އަދިވެސް ހިދުމަތް ކުރައްވަން ޖެހިއްޖެ ނަމަ ގޮވާލައްވާނެ ކަމަށެވެ.

މަޖީދިއްޖާ ސްކޫލުގައި ތައުލީމް ހާސިލް ކުރެއްވި އިބްރާހިމް އިސްމާއިލް ވަނީ އޮސްޓްރޭލިއާގައި ތައުލީމީ ދާއިރާ އިން ހަޔަ ޑިޕްލޮމާ ހާސިލްކުރައްވާފަ އެވެ. އަދި އޭނާ ވަނީ އެޑިއުކޭޝަން މެނޭޖްމަންޓް އިން އެމެރިކާގައި މާސްޓާސް ހައްދަވައިފަ އެވެ.

އޭނާ އެޑިޔުކޭޝަން މިނިސްޓްރީގެ ވަޒީފާ އަދާ ކުރައްވަން ފެއްޓެވީ، ޑރ. މުހައްމަދު ޒާހިރު ހުސެއިން އެޑިއުކޭޝަން މިނިސްޓަރު ކަމުގައި ހުންނެވި އިރު 1989 ގަ އެވެ. އެފަހުން އިބްރާހިމް އިސްމާއިލް ހިދުމަތް ކުރައްވަމުން ގެންދެވީ އެ މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި ގިނަ މަގާމުތަކެއް އޭނާ ފުރުއްވާފައިވެ އެވެ.

އިބްރާހިމް އިސްމާއިލަކީ ކުޅިވަރުގެ ދާއިރާގައި ވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން، އޭނާ ވަނީ ރާއްޖޭގައި ފުރަތަމަ އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ވެސް ކުރައްވާފަ އެވެ. އޭގެ އިތުރުން ކްރިކެޓާއި ޓެނިހުގައި ވެސް، އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯއްދަވައިފަ އެވެ.

އޭނާ އަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.