28 Sep 2020, 22:22
ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހަކު ކުޅުދުއްފުށި ސިޓީ އިން ފެނުމުން އެރަށް މޮނީޓަރިންގެ ހާލަތަށް ގެންދިޔުމަށްފަހު ބަލަންޖެހޭ ކަންތައް ބަލައި ނިމުމުން އެ ސިޓީގެ މޮނީޓަރިންގެ ހާލަތު އުވާލައިިފިއެވެ.
އެޗްޕީއޭ އިން ވަނީ ކުޅުދުއްފުށި މޮނީޓަރިން އިން ނަގާފައިވަކަން ކައުންސިލަށް އަންގައިފައެވެ.
މީގެ އިތުރން ކުޅުދުއްފުށިން ފެނުނު ކޭހާއި ގުޅިގެން މޮނީޓަރިން އަށް ގެންދިޔަ އެ އަތޮޅު ނޮޅިވަރަމުގެ މޮނީޓަރިންވެސް ވަނީ އުވާލައިފައެވެ.
ކުޅުދުއްފުށި މޮނީޓަރިން އަށް ލާފައިވަނީ މާލެ ދަތުރުކުރާ "ފާޅު" ނަމަކަށް ކިޔާ ބޯޓުގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. ކެޕްޓަން އާއި ކޮންޓެކްޓުވި އިތުުރު ދެ ފަޅުވެރިޔަކުވެސް ޕޮޒިޓިވް ވެފައިވާއިރު، ފަޅުވެރިޔަކާ ކޮންޓެކްޓުވި މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.
ނޮޅިވަރަމުން މި ކްލަސްޓާ އާއި ގުޅުންހުރި މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.
އެޗްޕީއޭ އިން ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންތައް ބަލައި ނިމުމުން ކުޅުދުއްފުށި އަދި ނޮޅިވަރަމުގެ މޮނީޓަރިން އުވާލާފައިވާ ކަމަށެވެ.
މޮނީޓަރިން އުވާލިނަމަވެސް ހުރިހާ ފަރާތްތަކުންވެސް ބަލިން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފިއެވެ.