28 Sep 2020, 21:39
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ފަރާތުން ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި "ޕިޗް ރައިޓިންގް" މުބާރާތަށް މުޅި ރާއްޖެއިން ވެސް ލިބުނީ އެންމެ ދެ ހުށައެޅުން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
މި އަހަރުގެ ބައިނަލް އަޤްވާމީ ޒުވާނުންގެ ދުވަހު ޒުވާނުން ބާރުވެރި ކުރުވައި ޒުވާނުންގެ ޚިޔާލުތަކާ އެކު ޕްރޮގްރާމްތައް އެކުލަވާލުމުގެ ގޮތުން ޒުވާނުންނަށް ޚާއްސަކޮށްގެން "ޕިޗް ރައިޓިންގް" މުބާރާތެއް 22 އޮގަސްޓް 2020 ގައި ވަނީ ޢާންމުކޮށް ހުޅުވާލެވިފަ އެވެ. އަދި 30 އޮގަސްޓް 2020ގެ ނިޔަލަށް މުއްދަތު ހަމަވާން އޮތް މުބާރާތް އިތުރު 15 ދުވަހަށް އިތުރުކޮށް 15 ސެޕްޓެމްބަރު 2020 އާ ހަމައަށް ވަނީ މުއްދަތު އިތުރުކޮށްފަ އެވެ.
ނަމަވެސް ދެ ފަހަރުގެ މަތިން ވެސް މި މުބާރާތުގެ މުއްދަތު އިތުރު ކޮށްގެން ވެސް މުޅި ރާއްޖެއިން އެ މުބާރާތަށް ލިބުނީ އެންމެ ދެ ހުށައެޅުން ކަމަށާއި ދެވިފައިވާ މުއްދަތު ހަމަވިއިރު އެދެވިގެންވާ ވަރަށް ތަރުހީބު ލިބިފައިނުވާތީ ކަންބޮޑުވުންތައް އެބަހުރި ކަމަށް ޒުވާނުންނާ ބެހޭ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ މިނިސްޓްރީން ބުނީ، އެ މުބާރާތަށް ހުށަހަޅާފައިވާ ދެ ޕިޗަކީ ވެސް މި މުބާރަތުގެ މިންގަނޑުތަކަށް ފެތޭ ޕިޗްތަކަކަށް ވާތީ، މި ދެ ޕިޗް ހުށަހެޅުމުން އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން މި ދެ ފަރާތަށް ވެސް ކަނޑައެޅިފައިވާ ފައިސާގެ އިނާމު ކަމަށްވާ 5000 ރުފިޔާ ޕިޗް ހުށަހެޅި ބައިވެރިންނަށް ދެވޭނެ ކަމަށެވެ.
އަދި ދި ޕިޗް އިން ހުށަހަޅާފައިވާ ޕްރޮޖެކްޓް ތަކުގައިވާ މަސައްކަތްތައް ތަންފީޒު ކުރުމަށް ޕިޗް ހުށަހަޅާފައިވާ ފަރާތްތަކާ އެކު މަޝްވަރާތައް ފެށިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޔޫތު މިނިސްޓްރީގެ ޔޫތު ޑިޕާޓްމަންޓުން ކުރަމުން އަންނަ ކަންކަން ޕްރޮމޯޓް ކުރުމުގައި މީޑިއާތަކުގެ އިހުމާލުތަކެއް އޮތްކަމަށް މީގެ ކުރިން އެ ވުޒާރާއާއި ހަވާލުވެ ހުންނެވި ވަޒީރު އަހުމަދު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.