ގއ. ނިލަންދޫ ކައިރީ ކަންނެއްލީ ނަމަކަށް ކިޔާ ފަރަކަށް ދޯންޏެއް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު ނިލަންދޫ ކައިރިއަށް ފަރައަރާފައި ވަނީ "ވިސްޓް 120" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި އެދޯނި ފަރަށް އަރާފައި ވަނީ ދޯނީގެ އިންޖީނު ހުއްޓުމުން ފަރަށް ލައްގައިގެން ކަމަށް ދޯނީގެ ފަޅުވެރިންނާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފްގެ އޮފިސަރަކު ވިދާޅުވީ ދޯނި ފަރަށް އެރުމާ އެކު ދޮނި އެއްފަރާތަކަށް އަރިއަޅާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެދޯނި ފަރަށް އެރި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެސަރަހައްދަށް ކޯސްޓްގާޑުން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ ދޯންޏަކީ ކީއްކުރާ ދޯންޏެއް ކަމެއް އަދި އޭގައި ތިބީ ކިތައް މީހުން ކަމެއް އޮފިސަރު ވިދާޅެއް ނުވެ އެވެ.

"މިހާރު އެ ދޯންޏަށް އެހީތެރިވުމަށް ކޯސްޓްގާޑުގެ ލޯންޗެއް ވަނީ އެސަރަހައްދަށް ދިއުމަށް ނައްޓާލައިފައި،" އޮފިސަރު ވިދާޅުވި އެވެ.

ފަރަށް އަރާފައިވާ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގއ. ވިލިނގިލީ “ކަނޑުރޯދި” ނަމަކަށް ކިޔާ ދޯންޏެއް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.