28 Sep 2020, 17:15
ގައުމުގައި ދައުލަތުން ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފައްދާ ސުވާލު ކުރާނެ ރައްޔިތުންގެ ނެތް ނަމަ ނަޒާހަތްތެރި ދައުލަތެއް ނުއުފެދޭނެ ކަމަށް އިންފޮމޭޝަންސް ކޮމިޝަނާ ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހުސައިން ފިޔާޒު ވިދާޅުވީ ސުވާލުކުރުމުގެ އިތުރުން މައުލޫމާތު ހޯދަން އެދުމަކީ އާދައަކަށް ވެއްޖެނަމަ ދައުލަތެއްގެ ގޮތުގައި ލިބޭނެ އުފާވެރިކަން އިތުރަށް ބޮޑުވެގެންދަނެ ކަމަށެވެ.
"މިދުވަސް [ބައިނަލްއަގުވާމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަސް] ފާހަގަކުރަމުންދާއިރު ކޮވިޑް ބަލިމަޑުކަން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާއިރު، މިކަމުންވެސް އެނގިގެން ދަނީ ރައްޔިތުން އެދޭ މައުލޫމާތު ހާމަކުރަންޖެހޭ ކަން. އަމިއްލަ އިސްނެގުމަށް މައިލޫމާތު ހާމަކުރަންޖެހޭކަން. ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގެ މައުލޫމާތު ހާމަކުރަންޖެހޭކަން،" ފިޔާޒު ވިދާޅުވިއެވެ.
ރައްޔިތުން ސުވާލުތައް ކުރާއިރު، އެކި ކަންކަމުގައި ދޮގު މައުލޫމާތު ފެތުރޭ މިންވަރު ކުޑަކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި އިތުރަށް ވާހަކަދައްކަވަމުން ފިޔާޒު ވިދާޅުވީ ރައްޔިތުންގެ ހައްގަކީ ކުޅޭކުޅޭ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް މައުލޫމާތު ލިބޭގޮތްތައް މިހާރަށްވުރެ ފަސޭހަވާން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެއީ ދައުލަތުގެ މައުލޫމާތުގެ ހަގީގީ މިލްކުވެރިންނަކީ ރައްޔިތުންނަށް ވާތީ ކަމަށް ފިޔާޒު އިތުރަށް ވިދާޅުވިއެވެ.