04 Jul 2010, 11:18
14:30
ސަރުކާރު ހުއްޓުމަކަށް ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވާ ކަމަށް އެޓާނީ ޖެނެރަލް ކަމުން އިސްތިއުފާ ދެއްވާފައިވާ ހުސްނު ސުއޫދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުއޫދު މިއަދު ވިދާޅުވީ، ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފިއްތަމުންދާ ކަމަށެވެ. އަދި ކެބިނެޓުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ތާއީދު ނުކުރިއަސް މައްސަލައެއް ނެތް ކަމަށް ވެސް ސޫދު ވިދާޅުވި އެވެ.
ކެބިނެޓުން އިސްތިއުފާ ދެއްވާފައިވާ ބައެއް ބޭފުޅުން ސަރުކާރުންދީފައިވާ ކާރުގެ ބޭނުން ކުރަމުން ގެންދިއުމަކީ ކޮންކަހަލަ ކަމެއްތޯ ރިޕޯޓަރަކު ސުވާލު ކުރުމުން ސޫދު ވިދާޅުވީ، އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ކެބިނެޓުން އިސްތިއުފާ ދެއްވުމުގެ މާކުރިން ސޫދުގެ ކާރު ސަރުކާރާ ހަވާލުކުރެއްވި ކަމަށް ވެސް ސޫދު ވިދާޅުވި އެވެ.
މިނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ ކަމުން އިސްތިއުފާ ދެއްވާފައިވާ ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، މިހާރު މިހިނގާ ސިޔާސީ މައްސަލައާ ގުޅިގެން، ދުނިޔޭގެ ކުރިމަތީގައި ސަރުކާރުގެ އަގު ވެއްޓިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެކަން އެގޮތައް ނުވާ ކަމަށެވެ. އަދި އެމެރިކާގެ މިނިވަންދުވަސް މިއަދު ރާއްޖޭގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާތީ، އެކަމުންވެސް ސަރުކާރުގެ އަގު ނުވެއްޓޭކަން ދޭހަވާ ކަމުގައި ވެސް ޑރ.ޝަހީދު ވިދާޅުވި އެވެ.