މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ، އެންމެ ބާރު ގަދަ ހަތިޔާރު ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެ މައުލޫމާތު ވީހާވެސް ބޮޑަށް ދައުލަތުގެ އިދާރާތަކުން ހާމަކުރަން ހިތްވަރު ދެއްވައިފި އެވެ.

މިއަދު ފާހަގަ ކުރާ ބައިނަލް އަގުވާމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހާ ދިމާކޮށް ބަންޑާރަނައިބު އޮފީހުން މިއަދު ވަނީ އެ އޮފީހުގެ އާ ވެބްސައިޓެއް އިފުތިތާހުކޮށްފަ އެވެ.

ވެބްސައިޓު އިފްތިތާހު ކުރުމަށް އޮންލައިންކޮށް ބޭއްވި ޖަލްސާގައި ރިއްފަތު ވިދާޅުވީ، މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމަކީ ކޮންމެ މީހަކަށް ލިބިދީފައިވާ ހައްގެއް ކަމަށާއި އެކަން ވަނީ ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައި ކަމަށެވެ.

“މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ޖަވާބުދާރީ ކުރަނިވި ދައުލަތެއްގެ ބިންގާ. އިންފޮމޭޝަން ޓެކްނޮލޮޖީގެ މި ޒަމާނުގައި މައުލޫމާތަކީ އެންމެ އަގުބޮޑު ރައުސްމާލު. އަދި އެންމެ ބާރުގަދަ ހަތިޔާރު ވެސްމެ،”ރިއްފަތު ވިދާޅުވި އެވެ.

ވެބްސައިޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

އޭނާ ވިދާޅުވީ، ދައުލަތުގެ ސިއްރު ހިފެހެއްޓުމަކީ ބަންޑާރަނައިބު އޮފީހުގެވެސް ޒިންމާއެއް ކަމަށެވެ. އެހެން ނަމަވެސް ސިއްރު އިފެހެއްޓުމާއެކު ވެސް ރައްޔިތުންގެ މަސްލަތާ ގުޅޭ މައުލޫމާތުތައް ރައްޔިތުންނަށް ހާމަ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަނަންވަނާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފާއިތުވީ ދެއަހަރު ދުވަހަަށް ބަލާއިރު، ކޯޓުގައި ހިނގާ މައްސަލައެއް ނުވަތަ ގާނޫނީ ލަފަަކާ ގުޅުންހުރި ކަމަށްވީ ނަމަވެސް، އެފަދަ ކަމަކާ ގުޅޭ ގޮތުން ދެވެން އޮތް މައުލޫމާތެއް ހާމަކުރުމަކީ މި އޮފީހުގެ ވަރަށް ބޮޑު އަމާޒެއް. އެކަން އަޅުގަނޑުމެން ކުރަނީ ހާމަކަން އިތުރުކުރުމަށާއި ޖަވާބުދާރީވުން ހަރުދަނާ ކުރުމަށް،" ރިއްފަތު ވިދާޅުވި އެވެ.

ރިއްފައްތު އިތުރަށް ވިދާޅުވީ، މައުލޫމާތު ހޯދުމުގެ މިނިވަންކަން ބޭނުންކުރަންވީ ފަރުދުންގެ ހައްގުގައި ކަމަށާއި ގައުމީ މަސްލަހަތާއި އެންމެ ހެވާ ލާބައަށްޓަކާ ކަމަށެވެ.

އޭޖީ އޮފީހުގެ އާ ވެބްސައިޓު އިއްފްތިތާހު ކޮށްދެއްވީ އެރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ކުރީގެ ބަންޑާރަ ނައިބު އަދި ބާ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުއިއްޒެވެ.

އޭޖީ އޮފީހުގެ އާ ވެބްސައިޓުގައި ރާއްޖޭގެ ގާނޫނީ ނިޒާމަށް އަލަށް ތައާރަފް ކުރަމުންދާ ގާނޫނުތަކާއި އިސްލާހުކުރެވޭ ގާނޫނުތަކާއި ކުރީގެ ގާނޫނުތައް ވެސް ބަލާލެވެ އެވެ. އަދި ގާނޫނީ ފަންނުގެ ދާއިރާގެ ބޭފުޅުންނަށް ބޭނުންވާ މައުލުމާތާއި އޭޖީ އޮފީހުން ދެމުންދާ ހިދުމަތްތަކާއި އެ އޮފީހުގެ ދަށުން ހިންގަމުންދާ ކްލެމެންސީ ބޯޑުގެ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ.