28 Sep 2020, 13:53
ދައުލަތުގެ އިދާރާތަކުން އިސްވެ މައުލޫމާތު ހާމަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ. ރައީސް މިފަދައިން އެދިވަޑައިގަންނަވަމުން ވިދާޅުވީ މައުލޫމާތު ހަމަކުރަން ފަސް ޖެހޭ ވަރަކަށް ފަސާދައަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހުގެ މުނާސަބަތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރޭ "މަހޯލި" މަޖައްލާގެ ސަޕްލިމެންޓަކަށް ރައީސް ސޯލިހު ދެއްވި ހިތޯބުގައި ވިދާޅުވީ، ހިޔާލު ފާޅުކުރުމަށް ހުރަސް ނާޅައި، އެކަމަށް މަގު ފަހިކޮށްދިނުމަކީ، ދައުލަތުގެ ހުރިހާ މުވައްޒަފުންނާއި އިދާރާތަކުގެ ޒިންމާއެކެވެ.
އެގޮތުން ގާނޫނުއަސާސީން ރައްޔިންތަށް އެ ހައްގުތައް ކަށަވަރުކޮށްދީފައިވާއިރު، އިސްވެ މައުލޫމާތު ހާމަ ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، އާންމުކޮށް ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތުތައް ހާމަ ކުރުމަކީ، ކޮންމެ އިދާރާއަކުން އިސްކަންދޭ ކަމަކަށް ހަދަންޖެހޭ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
"ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު، އާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ، އެއިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިހްތިޔާރުގައި އޮތް ކަމެއް ނޫން. އެމައުލޫމާތުތައް ލިބިގަތުމަކީ ރައްޔިތުންގެ ހައްގެއް،"
ރައީސް ވިދާޅުވީ، އިސްވެ މައުލޫމާތު ހާމަ ކުރުމަކީ، ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަނާއި ހިޔާނަތާއި މަކާރާއި ހީލަތުގެ އަމަލުތައް ހުއްޓުވުމަށްޓަކައިވެސް ވަރަށްމުހިންމު ކަމެއް ކަމަށެވެ.
"މައުލޫމާތު ހާމަކުރުމަށް ފަސްޖެހޭ ވަރަކަށް، އެ ބައެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭ. މައުލޫމާތު ހާމަކުރުމަށް އިސްކަން ދޭ ވަރަކުން، އެބައެއްގެ ނަޒާހަތްތެރިކަން އިތުރުވެގެންދޭ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ، އަސާސީ ހައްޤުތަކެއް ކަމަށް، ރައީސްގެ ހިތޯބުގައި ފާހަގަ ކުރެއްވިއެވެ. ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ، އަދި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިން ކަމަށް، ގާނޫނު އަސާސީގައި ކަނޑައަޅައި، ރައްޔިތުންނަށް ދީފައިވާ ދުސްތޫރީ ބާރު ދަމަހައްޓައި ނެގެހެއްޓޭނީ، އެ ހައްގޔތައް ރައްޔިތުންނަށް ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެކެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި، މިނިވަން މުއައްސަސާއެއް ގާއިމުކުރުމުގެ މަގްސާދަކީ ވެސް، އެ ހައްގު ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
"އެހައްގު ހޯދައިދިނުމަށް އެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭ. ސަރުކާރުގެ ސިޔާސަތަކީ ވެސް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން. އަޅުގަނޑުގެ އުންމީދަކީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް، އޭގެ ފުރިހަމަ މާނައިގައި ރައްޔިތުންނަށް ލިބިދިނުމަށް ސަރުކާރުން މިކުރާ މަސައްކަތް، މާތްﷲގެ ވާގިފުޅާއެކު، ކާމިޔާބުވެގެން ދިޔުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.