ވޮޝިންޓަން (ސެޕްޓެމްބަރު 28) : އެމެރިކާގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިވެއްޖެ ހާލަތެއްގައި ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވައިފި ނަމަ ޓްރަމްޕްގެ ސަޕޯޓަރުންނާއި އެމެރިކާގެ އެހެން ރައްޔިތުންނާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް ހިނގައި ހަމަނުޖެހުންތަކެއްގެ ތެރެއަށް އެމެރިކާ ވެއްޓިގެން ހިނގައިދާނެކަމަށް ކަމާ ބެހޭ ދިރާސާ ރިޕޯޓެއް ބުނެފި އެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ "ދަހިލް"ގައި ޝާއިޢުކޮށްފައިވާ މި ރިޕޯޓް ބުނާ ގޮތުން ޓްރަމްޕާ އަދި އޭނާގެ ސަޕޯޓް ބޭސްކަމަށްވާ ނަސާރާ ދީނީ ފިކުރުގެ މީހުން ތިބީ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބާ ކުރިމަތިލާން ޓްރަމްޕަށް ޖެހިއްޖެ ހާލަތެއްގައި ބަލި ގަބޫލުކުރާގޮތަކަށް ނޫނެވެ. ޚުދު ޓްރަމްޕް ވެސް ވަނީ މިކަމަށް އިޝާރާތް ކުރައްވައިފަ އެވެ.

އެމެރިކާގައި ރައީސަކު ކަނޑަނޭޅި އެތައްް މަހެއް ހިނގައިދާނެކަމުގެ ބިރު

ޓްރަމްޕް ވަނީ އޭނާއަށް އިންތިޚާބު ކާމިޔާބު ނުވާނީ އެމެރިކާގެ އިންތިޚާބު އޮޅުވާލައިގެން ކަމަށާ އެފަދަ ހާލަތެއްގައި އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެމެރިކާގެ ރައީސަކު ކަނޑަނޭޅި އެތައް މަހެއް ވޭތުވެގެން ހިނގައިދާނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕް ވަނީ ރިޔާސީ އިންތިޚާބު އޭނާއަށް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްއިރު އެނޫން ގޮތަކަށް އެކަން ވެއްޖެ ނަމަ އެހެން ސަރުކާރަކާ ވެރިކަމުގެ ބާރުތައް ހަވާލުކުރަންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށް ވެސް ފާޅުގައި ވިދާޅުވެފަ އެވެ.

ނަސްލީ އިމްތިޔާޒާ ދެކޮޅަށް ދާދިފަހުން އެމެރިކާގައި ކުރި ސިލްސިލާ މުޒާހަރާތަކުގެ ތެެރެއިން މުޒާހަރާއެއް

މިއީ ދުނިޔޭގައި ޑިމޮކްރަސީ އާއި ގަވާނެންސްގައި ތަސައްރަފު ނުފުދޭ އެންމެ ދަށްފެންވަރުގެ ގައުމުތަކުގެ ލެވެލްއަށް އެމެރިކާ ވެއްޓިގެން ދިޔުންކަމަށާއި ޓްރަމްޕްގެ ބަސްމަގާއި އަމަލުތަކުގެ ސަބަބުން ދުނިޔޭގައި ޒަމާނުއްސުރެ އެމެރިކާއަށް އޮތް އިހުތިރާމު ގެއްލިގެން ހިނގައްޖެ ކަމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސާ ނެންސީ ޕެލޯސީ ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގައި ދާޚިލީ ހަމަނުޖެހުމެއް އުފެދޭފަދަ ސަބަބުތަކެއް އެބަހުރި

"ދަހިލް"ގައި ޝާއިޢުކޮށްފައިވާ ރިޕޯޓް ބުނާ ގޮތުން ޓްރަމްޕް އަމަލުކުރައްވާ މިފަދަ ގޮތަކުން އެމެރިކާގައި ދާޚިލީ ބޮޑު ހަމަނުޖެހުންތަކެއް އުފެދި ލޭއޮހޮރުވުމަކަށް ދިޔުމަށް މަގުފަހިވާފަދަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި ކަޅުމީހުންނާމެދު އެމެރިކާގެ މުޖްތަމައުގައި އޮންނަ ނަސްލީ އިމްތިޔާޒުގެ އަނިޔާވެރިކަން ހައްދުން ނެއްޓޭ ހިސާބަށް ގޮސްފައިވުމާއި އެމެރިކާގެ މައި ދެޕާޓީގެ ސިޔާސީ ކޯޅުންތައް ގަބީލާތަކުގެ ކޯޅުންތަކެއްގެ ސިފައިގައި ފެންނަން ފަށާފައިވުން ހިމެނެ އެވެ.

މީގެ އިތުރުން ކޮވިޑް-19 އާއެކު އެމެރިކާގެ އިގްތިސާދު ހީނަރުވެ މެދުފަންތިއާއި ދަށްފަންތީގެ ވިޔަފާރިތައް އިނދަޖެހުމާއި ފަގީރުކަން އިތުރުވަމުން ދިޔުމާއި ފަގީރުންނާއި މުއްސަނދިންގެ ތަފާތު ބޮޑުވަމުން ދިޔުން ވެސް ހިމެނެ އެވެ. މި ސަބަބުތަކާ އެކު އެމެރިކާގެ އިޖްތިމާއީ ފޭރާންވެސް ވަރަށް ބޮޑަށް ވީދި އާންމުންގެ އެއްބަޔަކު އަނެއްބަޔަކާދެ މެދު ނަފްތަރާއި ހަސަދަ އުފެދެމުންދާ ކަމަށް އެ ރިޕޯޓް ބުނެއެވެ.

ޓްރަމްޕަށް ސަޕޯޓްކުރާ މީހުންގެ އަދަދު 50 މިލިޔަނަށް

ޓްރަމްޕްގެ ގިނަ ސަޕޯޓަރުންނަކީ އެމެރިކާގެ ދޮން މީހުންގެ ތެރޭގައި ހިމެނޭ ނަސާރާ އިންޖީލީ ފިކުރުގެ މީހުން (އިވެންގެލިކަލްސް) އެވެ. އެމީހުންގެ އަދަދު ގާތްގަނޑަކަށް 50 މިލިޔަނަށް އަރާކަމަށްވެ އެވެ. އެއީ ނަސާރާ ދީނުގެ ހަރުކަށި ފިކުރަށް ތަބާވާ މީހުންގެ ތެރޭގައި ހިމެނޭ ދޮން މީހުންނެވެ. އެފިކުރުގެ ދޮން މީހުން ދެކޭގޮތުގައި އެމެރިކާގެ އަސްލުވަޒަންވެރިންނަކީ އެމީހުންނެވެ. ކަޅު މީހުންނާއި އަރަބިންނާއި އޭޝިއާ ދަރިކޮޅުގެ މީހުންނާއި ލެޓިން އެމެރިކާ ދަރިކޮޅުގެ މީހުންނަކީ އެހެން ގައުމުތަކުން އެމެރިކާއަށް ހިޖްރަކޮށްގެން އުޅޭ ބީރައްޓެހިންނެވެ.

ނަމަވެސް އެމެރިކާގެ ދޮންމީހުންނަކީ ޔޫރަޕުން އެމެރިކާއަށް ހިޖުރަކުރި ބައެކެވެ. ކުރީގެ ރައީސް ބަރަކް އޮބާމާގެ ދެދައުރުގެ ވެރިކަމުގައި ދޮންމީހުންގެ ހައްގުތަކަށް އުނިކަންލިބި ކަޅު މީހުންނާއި އަރަބިންނާއި އޭޝިއާ ދަރިކޮޅުގެ މީހުންނާއި ލެޓިން އެމެރިކާގެ ދަރިކޮޅުގެ މީހުންނަށް މާގިނަ ފުރުސަތުތަކެއް ލިބުނުކަމަށް ހަރުކަށި ފިކުރުގެ ދޮންމީހުން ދެކެއެވެ.

އެހެންކަމުން މިފަހަރު އިންތިޚާބު ކާމިޔާބު ނުވިނަމަވެސް އެމީހުން ތިބީ ޓްރަމްޕާއެކު ދޫދޭގޮތަށް ނޫންކަމަށް " ދަހިލް"ގައި ޝާއިޢުކޮށްފައިވާ ރިޕޯޓް ބުނެއެވެ. ( ދަ ހިލް + ނޫސްއެޖެންސީތައް)