27 Sep 2020, 23:09
ކޮވިޑް އަށް އަވަހަށް ޓެސްޓުކުރެވޭ ހާއްސަ ކޮވިޑް ސޭފްޓީ ކޮރިޑޯ ކޮންސެޕްޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއޭލް) އިން ބުނެފިއެވެ.
މޯލްޑިވްސް ބޯޑާ މައިލްސް ހިދުމަތް ތައާރަފުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ ގޯޑޮން އެންޑްރޫ ސްޓުވާޓް ވިދާޅުވީ އެ ކޮންސެޕްޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަވަސް އަދި އިތުބާރު ހިފޭ ޓެސްޓިން ހެދޭނެ ހިދުމަތެއް ކަމަށެވެ.
އެ ހިދުމަތަކީ ކަސްޓަމަރުންނާ ކޮންމެ ދުވަހަކު ބައްދަލުކޮށް ހަދައި މުވައްޒަފުންގެ ރައްކާތެރިކަމަށް ގާއިމުކުރަމުން އަންނަ ހިދުމަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކޮވިޑް ސޭފް ކޮރިޑޯއެއް ގާއިމުކުރުމަށްޓަކައި އާ އަދި އަވަހަށް ޓެސްޓު ކުރެވޭ ޓެކްނޮލޮޖީތައް ބޭނުންވާނެ،" އޭނާ ވިދާޅުވިއެވެ.
ގޯޑޮން ވިދާޅުވީ އެ ޓެކްނޮލޮޖީއަކީ ދުނިޔޭގެ އެކި އެއާޕޯޓުތަކުގައި މިހާރު މަގުބޫލުވަމުން އަންނަ ހިދުމަތެއް ކަމަށެވެ. އެ މަސައްކަތް ކާމިޔާބުކުރުމަށްޓަކައި ސްޓޭކްހޯލްޑަރުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާނެ ކަމަށް ގޯޑޮން ވިދާޅުވިއެވެ.
އެއާޕޯޓް ކައުންސިލް އިންޓަނޭޝަނަލް އިން ދޭ "އެއާޕޯޓް ހެލްތު އެކްރިޑަރޭޝަން" ސެޓްފިކެޓު ވީއައިއޭއަށް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭޝިއާ ޕެސިފިކް ސަރަހައްދުން މި އެކްރިޑަރޭޝަން ލިބުނު ދެ އެއާޕޯޓުގެ ތެރޭގައި ވީއައިއޭ ހިމެނިފައިވާއިރު، މުޅި ދުނިޔެއިން އެ ސެޓްފިކެޓް ލިބިފައިވާ 11 ވަނަ އެއާޕޯޓްއަކީ ވީއައިއޭ ކަމަށްވެސް ގޯޑޮން ފާހަގަކުރެއްވިއެވެ.
ވީއައިއޭ އަށް މި އެކްރިޑަރޭޝަން ލިބުނުއިރު ވީއައިއޭ އިން ވަނީ އޭސީއައި އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އެއާޕޯޓުގެ ސަލަމަތައި ރައްކާތެރިކަމުގެ މިންގަނޑުތައް ފައްތައި އެކަން ޔަގީންކުރުމަށް ހާއްސަ އެސެސްމެންޓެއްވެސް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން އައިކާއޯ ކާޓް، އީއޭއެސްއޭ އަދި އޭސީއައިގެ ރިކަވަރީ ގައިޑްލައިންތަކާއި ޔޫރަޕުގެ އޭސީއައި ގައިޑްލައިންތަކުގެ މައްޗަށް ބިނާކޮށް ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މިންގަނޑުތައް ވަނީ އެކުލަވަލައިފައެވެ.
އޭސީއައިގެ ހެލްތު އެކްރިޑަރޭޝަން ޕްރޮގްރާމަކީ އެއާޕޯޓުތަކުގައި، ކޮވިޑް19 އާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ސިއްހީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަކޮށްފައިވޭތޯ ބެލުމުގެ ޕްރޮގްރާމެކެވެ. އެގޮތުން ޑިސްއިންފެކްޓު ކުރުމާއި ސޯޝަލް ޑިސްޓެންސިން ފަސިންޖަރުންނާއި ސްޓާފުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތައް މި ޕްރޮގްރާމުގެ ދަށުން އެސެސް ކުރެއެވެ.