27 Sep 2020, 22:06
ރާއްޖެއިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 53 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ރޭގެ 1800 އިން މިއަދުގެ 1800 އާ ހަމައަށް ރާއްޖެއިން 53 މީހުން ޕޮޒިޓިވް ވި އިރު އޭގެތެރޭގައި ގިނައީ ދިވެހީން ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 42 ދިވެހީންނާއި 11 ބިދޭސީންނެވެ.
ރާއްޖެއިން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ އަޅާ ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުން ވަނީ ގިނަ ވެފައެވެ. އެގޮތުން އިއްޔެ ޕޮޒިޓިވް ވެފައިވަނީ 31 މީހުންނެވެ.
މިހާރު 1،210 މީހަކު ދަނީ ބައްޔަށް ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ 83 މީހުން ހިމެނޭއިރު މީގެ ތެރޭގައި އައިސީޔޫގައި ފަރުވާ ދެމުންދާ ތިން މީހަކާއި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ދެ މީހަކު ހިމެނެއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރު ވަނީ 10،098 އަށް އަރައިފައެވެ.
ކޮވިޑް-19 ޖެހި އެ ބަލީން ރަނގަޅުވި މީހުންގެ އަދަދު ވަނީ މިހާރު 8.847 އަށް އަރާފައެވެ.
އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 34 އަށް ވަނީ މިހާރު އަރާފައެވެ.