27 Sep 2020, 22:29
ހދ. ކުޅުދުއްފުއްޓާއި މާލެ އާ ދެމެދު ދަތުރު ކުރާ "ފާޅު" ބޯޓުގެ ފަޅުވެރިޔަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހަކު އެ ރަށުން ކޮވިޑް -19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ކުޅުދުއްފުށިން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ "ފާޅު" ބޯޓުގެ ކެޕްޓަނެވެ. އަދި އެ ބޯޓުގެ އިތުރު ދެ ފަޅުވެރިން ވެސް ވަނީ ފަހުން ޕޮޒިޓިވްވެފަ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސިޕިޓަލުން 'ސަން' އާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ، މިއަދު ޕޮޒިޓިވްވެފައިވަނީ މީގެ ކުރިން އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެ ބޯޓުގެ ފަޅުވެރިޔަކާ ޑައިރެކްޓް ކޮންޓެކްޓް ވެގެން އެކަހެރި ކޮށްފައި ހުރި މީހެއް ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މިރޭ އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ކުޅުދުއްފުށީ ހޯމް ކަރަންޓީނުގައި ހުރި މީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއާ އެކު އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މި ވަނީ ފަހަކަށް އަރާފަ އެވެ.
ފާޅު ބޯޓުގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކުޅުދުއްފުށީގެ އިތުރުން އެ އަތޮޅު ނޮޅިވަރަމް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނައިސްފަ އެވެ. އެއީ އެ ބޯޓު ނޮޅިވަރަމަށް ވެސް ގޮސްފައިވާތީ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނީ ފާޅު ބޯޓުން ފެނުނު ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާކަމަށެވެ.
ފާޅު ބޯޓުގެ ކޭސްއާ ގުޅިގެން މިހާތަނަށް 51 މީހަކު ވަނީ އެކަހެރި ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށި 46 މީހަކާއި ނޮޅިވަރަމްގެ ފަސް މީހެކެވެ.