27 Sep 2020, 21:58
ރާއްޖެއަށް ދަތުރުކޮށްގެން ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރުމުގައި ވެސް އެކި އިނާޔަތްތަކެއް ފަތުރުވެރިންނަށް ލިބޭ "މޯލްޑިވްސް ބޯޑާ މައިލްސް"ގެ ނަމުގައި ސްކީމެއް މިރޭ ލޯންޗުކޮށްފި އެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން މިރޭ ބޭއްވި ހާއްސަ އިވެންޓެއްގައި މޯލްޑިވްސް ބޯޑާ މައިލްސް ހިދުމަތް ތައާރަފުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.
މޯލްޑިވްސް ބޯޑާ މައިލްސް މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ތަފާތު އެކި ޕްރިވިލެޖް ލިބިގެންދާނެ އެވެ. އެގޮތުން ބޯޑާ ހުރަސްކުރާއިރު ޕޮއިންޓް ލިބޭއިރު ހާއްސަ މުނާސަބަތުގައި ވެސް އިތުރު ޕޮއިންޓް ލިބޭނެ އެވެ.
އެ ޕޮއިންޓްތައް މެދުވެރިކޮށް ހާއްސަ ގިނަ އޮފާތައް ލިބޭނެ ކަމަށާއި ޕޮއިންޓް މެދުވެރިކޮށް ޓިއާ މަތިކުރެވޭނެ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
އެ ޕޮއިންޓް ސިސްޓަމް ވަނީ ތިން ޓިއާއަކަށް ބަހާލާފަ އެވެ. އެއީ ބްރޮންޒް، ސިލްވާ އަދި ގޯލްޑް އެވެ. އެގޮތުން ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވާ އަށް "އަންތަރަ" ކިޔާއިރު ގޯލްޑް އަށް ކިޔަނީ "އަބާރަނަ" އެވެ.
އިމިގްރޭޝަން އިން އިންތިޒާމުކޮށްގެން ތައާރަފުކުރި އެ ހިދުމަތުގެ ދަށުން ފަތުރުވެރިންނަށް އެކި ކަހަލަ ބެނެފިޓްތައް ރިސޯޓުތަކުން ލިބިގެންދާނެ އެވެ. އަދި އެ ފަތުރުވެރިންނަށް އެކްސްކްލޫސިވް ހިދުމަތްތަވެސް އެފަރާތްތަކަށް ލިބިގެންދާނެ އެވެ.
އެ ހިދުމަތް ލޯންޗުކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ބޯޑާ މައިލްސް ޕްރޮގްރާމް ކަހަލަ ލޯޔަލްޓީ ޕްރޮގްރާމްތައް ބައެއް ރިސޯޓުތަކުން މީގެ ކުރީންވެސް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށެވެ. އަދި އެ ހިދުމަތް ތައާރަފުކުރުމުން ވިޔަފާރިތަކުގެ ޕްރޮމޯޝަނަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބޯޑާ މައިލްސް އަކީ ތަކުރާރުކޮށް އަންނަ ފަތުރުވެރިންނަށް އިތުރު ހިތްވަރެއް ލިބޭ އަދި އެ ފަރާތްތައް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ލިބޭ ހިދުމަތެއް ކަމަށެވެ.
އެ ސްކީމް ތައާރަފުކުރުމުން ފަތުރުވެރިންނަށް ހާއްސަ ބެނެފިޓްތަކެއް ލިބޭނެ ކަމަށާއި އެ ބެނެފިޓްތައް ފޯރުކޮށްދިނުމަކީ ރިސޯޓުތަކުން ކުރަން ޖެހޭނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.