ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބެހެއްޓި މޮނިއުމަންޓްތަކުގެ ތެރެއިން މިހާތަނަށް ނުނަގާ ހުރި ފަސް މޮނިއުމަންޓް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވީ މިހާރު ހުރި މޮނިއުމަންޓްތައް ނަގަން އެ ކައުންސިލުން މިދިޔަ ހަފްތާގައި ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ އެ މޮނިއުމަންޓްތައް ބަލަހައްޓަން ރަށުގެ އެކި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ 10 ވަރަކަށް ފުލުހުން އެ މަސައްކަތުން ވީއްލިއްޖެއްޔާ ރަށް ބެލެހެއްޓުމުގެ ކަންތައްތައް އިންތިޒާމް ކުރެވޭނެ ކަމުގެ މަޝްވަރާތައް ފުލުހުން ވެސް ދީފައިވާތީ ކަމަށެވެ.

" ރަށު ތެރޭގައި ވައްކަމާއި ފޭރުމާއި މާރާމާރީ ވަނީ އިތުރުވެފައި، މިފަދަ ކުށްތައް ވީހާވެސް މަދުކޮށް އެފަދަ މައްސަލަތައް ކޮންޓްރޯލް ކުރުމަށް ތިބި ފުލުހުންގެ މަސައްކަތައް ހުރަސްއެޅޭތީ އަސްލު މޮނިއުމަންޓްތައް ނަގަން ނިންމީ،" ސޯބެ ވިދާޅުވި އެވެ.

އައްޑޫގެ މޭޔަރު ވިދާޅުވީ ރަށުގެ އެކި ސަރަހައްދުން ނަގާ އެ މޮނިއުމަންޓްތައް އިކްއޭޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ބެހެއްޓުމާ މެދު ވެސް ކައުންސިލުން މަޝްވަރާކޮށްފައިވާ ކަމަށާއި ނަމަވެސް އަދި އެތަކެތި ބަހައްޓާނެ ވަކިތަނެއް ކަނޑައަޅާފައިނުވާ ކަމަށެވެ.

ސޯބެ އަދި ވިދާޅުވީ މިހާރު ބާކީ ހުރީ ރާއްޖޭން ބަހައްޓާފައިވާ ދެ މޮނިއުމަންޓް ކަމުގައިވާ ފެދޫގައި ބަހައްޓާފައި ހުރި ދޮންދޫނި ސިފަކޮށްދޭ މޮނިއުމަންޓާއި ހުޅުމީދޫގައި ބަހައްޓާފައި ހުރި ފޮތަކާއި ގަލަމެއް ދޭހަކޮށްދޭ މޮނިއުމަންޓްގެ އިތުރުން ލަންކާއާ އިންޑިއާ އަދި ބަންގްލަދޭޝްގެ ސަރުކާރުން ބަހައްޓާފައި ހުރި މޮނިއުމަންޓްތައް ކަމަށެވެ.

ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބެހެއްޓި މޮނިއުމަންޓްތަކުގައި ބައެއް ދީންތަކުގައި އަޅުކަން ކުރާ ބުދު ހިމެނޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސަރުކާރުން ލާދީނީ ކަންތައްތައް ފަތުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލާފަ އެވެ.

ނަމަވެސް ސޯބެ ވިދާޅުވީ މާލޭގައި ބޭއްވި މުޒާހަރާގައި އެ މޮނިއުމަންޓްތަކުގެ ވާހަކަދައްކާފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި މާލޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަންގެ ދޮރުމަތީގައި ހުންނަ ތިން ސިންގާ ސިފަކޮށްދޭ މޮނިއުމަންޓާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ބަޔަކު ޝަކުވާއެއްކޮށް އަދި އެތަނުން އޭތި ނެގުމަށް ގޮވާލާފައިނުވާ ކަން ސޯބެ ވިދާޅުވި އެވެ.

"އެ މޮނިއުމަންޓްތައް އައްޑޫ ސިޓީގައި ހުރެގެން ބަޔަކު ޝަކުވާކުރަންޖެހޭ ސަބަބެއް އޮތް ކަމަށް އަޅުގަނޑު ނުދެކެން، އެ މޮނިއުމަންޓްތަކަކީ ދީނާ ހިލާފު އެއްޗެއް ކަމަށް އިސްލާމިކް މިނިސްޓްރީ ވެސް ބުނެފައެއް ނެތް، މާލޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގައި ބަހައްޓާފައި ހުރި އެއްޗަކީ އަޅުކަން ކުރާ އެއްޗެއް ކަމުގައި ނުވާއިރު އިންޑިޔާ ސަރުކާރުން ހަމަ އައްޑޫގައި ބަހައްޓާފައި ހުރި އޭގެ އެއްޗަކާ ދިމާލަށް އަޅުކަން ކުރާ އެއްޗެކޭ ނުކިޔޭނެ،" ސޯބެ ވިދާޅުވި އެވެ.

ސާކް ސަމިޓަށް އައްޑޫ ސިޓީފައި ބެހެއްޓި މޮނިއުމަންޓްތަކުގެ ތެރެއިން ސާކް ސަމިޓްގެ ތެރޭގައި ޕާކިސްތާނުގެ މޮނިއުމަންޓް ހަލާކުކޮށްލާފައިވާއިރު ނޭޕާލްގެ މޮނިއުމަންޓް ވަނީ ނަގާފަ އެވެ. އަދި އަފްގާނިސްތާންގެ މޮނިއުމަންޓަށް ވެސް ގެއްލުންތަކެއްދީ ހަލާކުކޮށްލާފައި ވަނިކޮށް ބޫޓާން ސަރުކާރުން ބެހެއްޓި މޮނިއުމަންޓް އައްޑޫ ކައުންސިލުން ވަނީ ނަގާފަ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Abdhullah Sodhiq (mp3)

Abdhullah Sodhiq (mp3)