ގައުމީ ޕާޓީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ ކައުންސިލް މެންބަރު ސަންދާނު އަހައްމައިދީ ހައްޔަރުކުރި މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކާމެދު ދައުވާ ކުރައްވާނެ ކަމަށް ގައުމީ ޕާޓީން މިއަދު ބުނެފި އެވެ.

އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ހަސަން ސައީދު ވިދާޅުވީ އެ ދެ މައްސަލާގައި ދައުވާ ކުރާވަރުގެ ހެކި ލިބިފައިވާ ކަމަށާއި ގައުމީ ޕާޓިން ދައުވާ ކުރާނީ ދައުލަތާއި ހޯމް މިނިސްޓަރުގެ އިތުރުން ވަކިވަކި ފުލުހުންގެ މައްޗަށް ކަމަށެވެ.

"އެއިން ކޮންމެ ބޭފުޅަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތައް ދެމެހެއްޓުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިއްބެވި ބޭފުޅުން. ގާނޫނު އަސާސީގައި ވަރަށް ސާފުކޮށްވާނެ އެއްވެސް މީހަކު ގައިރު ގާނޫނީ އަމަލަކަށް ތަބާނުވާން،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ އިސް ބޭފުޅުން އެންގުމެއް ކަމަށް ބުނެ އެއްވެސް ބޭފުޅަކަށް ސަލާމަތްވުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި ޣައިރު ގާނޫނީ އަމުރަށް ތަބާ ނުވުމުގެ ހައްގު ފުލުހުންނަށާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް އޮތް ކަމަށެވެ.

އެފަދަ ކަންތައް ސަރުކާރުން ކުރައްވަނީ ސަރުކާރުގެ ތާއީދު ކުޑަވުމުން ބަހުން ނުވަތަ ސިޔާސަތުން އިދިކޮޅު ފަރާތްތަކާއި ކުރިމަތިލުމުގެ ގާބިލްކަން ނެތުމުން ސިޔާސީ ގޮތުން ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ސިޔާދަތު ދެމެހެއްޓުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ މިދިޔަ ދެ ދުވަހު ފުލުހުން ޑރ. ޖަމީލާއި ސަންދާނު އަހައްމައިދީ ހައްޔަރުކުރި މައްސަލައިގައި ވަރަށް ކައިރިން އުޅެވުނު ކަމަށާއި އެ ދެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ ފުލުހުން ބޭނުންވެގެން ނޫންކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ސަންދާން އަހައްމައިދީ މައްސަލަ ފުލުހުން ބަލަމުން ދިޔައިރު އޭނާގެ ވަކީލެއްގެ ހައިސިއްޔަތުން ފުލުހަށް ގޮސް އެތާގައި އިނެވި ކަމަށާއި، ފުލުހުން ވަރަށް ރަނގަޅަށް ތަހުގީގު ކުރަމުންދަނިކޮށް ކުއްލިއަކަށް ތަހުގީގް އެހެން ގޮތަކަށް އެނބުރި އަހައްމައިދީ ބަންދުކުރަން ފުލުހުން ނިންމެވީ ސީދާ ހޯމް މިނސްޓަރު ހަސަން އަފީފު ފުލުސް އޮފީހަށް ވަޑައިގެން ހިސާބުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑާއި ފުލުހުންގެ ވަރަށް އިސް ބޭފުޅުންނާ ދިމާވި. މި މައްސަލާގައި ފުލުހުން ވަރަށް ހިތާމައާއެކު ވިދާޅުވަނީ ވަރަށް ބޮޑަށް މާއާފްކުރަށްވަށޭ، ވަރަށް މައާފޭ، މީ އެއްގަތަކަށް ވެސް ފުލުހުން ބޭނުންވެގެން ކުރާ ކަމެއް ނޫނޭ. ކީއްތޯ އޭ ކުރާނީ އިސްވެރިން އަންގައިގެން ކުރާ ކަންތައް ތަކޭ،" ކުރިން ބަންޑާރަ ނައިބުކަން ކުރެއްވި ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ފުލުހުންގެ އިސް ބައެއް ބޭފުޅުން އެމީހުންގެ ވަޒީފާގެ ދަހިވެތިކަމުގައި ޣައިރުގާނޫނީ އޯޑަރުދެއްވާ ޒުވާން ޖީލު ހަލާކޮށްލަން ކުރާ މަސައްކަތްތަކެއް ކަމަށާއި، ދެން އަންނަ ސަރުކާރަކުން އެންމެ ފުރަތަމަ ވެސް ކުރަންޖެހޭނެ ކަމަކީ ރައްޔިތުން އިތުބާރު ކުރެވޭ ކަހަލަ ސަލާމަތީ ބާރެއް ގާއިމްކުރުން ކަމަށެވެ.

"މިހާރު ފުލުހެއް ފެންނައިރަށް އަޅުގަނޑުމެން ހިތަށް މިއަރަނީ އެއީ ކޮންމެވެސް ކުލައެއް ޖެހިފައިވާ ބޭފުޅެކޭ. ކޮންމެވެސް ސިޔާސީ ބޭފުޅަކު ވިދާޅުވާ އެއްޗެއް ތަމްސީލް ކުރަށްވާ ބޭފުޅެކަމަށް ދެކެނީ،"

މިއަދުގެ ނޫސް ވެރިންގެ ބައްދަލުވުމުގައި ޑރ. ޖަމީލް ވެސް ބައިވެރިވެ ވަޑައިގަތެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީގައި ރައްޔިތުނަށް ދީފައިވާ އެންމެ ބޮޑު އެއް ގެރެންޓީއަކީ އެއްވެސް ރައްޔިތަކު ގަޔަށް އަތްލާ ނުހިފޭނެ ކަމުގެ ގެރެންޓީ ކަމާށައި އެހެންކަމުން ފުލުހުން ހިތަށް އަރާއިރަށް މީހުން ހައްޔަރު ނުކުރެވޭނެ ކަމަށެވެ.

ޖަމީލް ވިދާޅުވީ ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވީ އެންމެންގެ ހޯމް މިނިސްޓަރު ކަމަށާއި ވަކި ބަޔަކަށް ވަކި ގޮތެއް ހަދަން ފުލުހުންނަށް އެންގުމުގެ ބާރު ހަސަން އަފީފަށް ވެސް ލިބިވަޑައި ނުގަންނަވާ ކަމަށެވެ.

މީގެ އިތުރުން ޑރ. ހަސަން ވިދާޅުވީ ސަރުކާރުން ސިޔާސީ ފަރާތްތައް ހައްޔަރު ކުރަމުންދަނީ ހަދާނެ ގޮތް ހުސްވެގެން ކަމަށާއި ބޭރުގެ ދުނިޔޭޔޭގައި ވެސް ރައީސް ނަޝީދު ބަލިކަށިވާ ކަމުގެ ނިޝާންތައް މިހާރު ފެންނަމުންދާ ކަމަށެވެ. އަދި ސަރުކާރުން ކުރާ ޣައިރުގާނުނީ އަމަލުތަކުގެ ކަންކަން ބައިނަލް އަގުވާމީ މުޖުތަމައަށް ހާމަކުރައްމުން ގެންދާނެ ކަމަށް ވެސް ވިދާޅު ވިއެވެ. ކުރިއަށް އޮތްތާނގައި ބައިނަލް އަގުވަމީ ޕްރެޝަރު ސަރުކާރަށް ކުރިމަތިވާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ އެކިގައުމުތަކުގެ ބޭފުޅުންނާއި އެކިއެކި އޯގަނައިޒޭޝަން ތަކުގެ ވެރިން ރާއްޖެ އަންނާނެ ސަރުކާރުގެ ކަންކަން މޮނީޓާ ކުރުމަށް،" ހަސަން ވިދާޅުވި އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Dr. Hassan Saeedh (mp3)