27 Sep 2020, 14:18
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާ ކޮށްފައިވާ މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާގެ އަޑުއެހުން މިއަދު ކުރުކޮށްލަން ޖެހިއްޖެ އެވެ.
މީގެ ކުރިން އެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް، ހައިލަމް ވަނީ އެ ފަހުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެހެންކަމުން މިހާރު މައްސަލަ ބައްލަވަނީ ގާޒީ ހަސަން ސައީދެވެ.
ކޮވިޑް-19އާ ހެދި އަޑުއެހުމެއް ނުބޭއްވި ގިނަ ދުވަސްވެފައި ވަނިކޮށް މިއަދަށް އަޑުއެހުމެއް ތާވަލު ކުރި އެވެ. މިހާރު އެ މައްސަލަ އޮތީ އިބްތިދާއީ މަރުހަލާގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގަ އެވެ.
ނަމަވެސް، މިއަދުގެ އަޑުއެހުމުގެ ކުރިން އާޒިމާ ވަނީ މިއަދު އަޑުއެހުން ބޭއްވުމާ މެދު އުޒުރުވެރިވެވަޑައިގެންފަ އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި މިއަދު މެންދުރު 2:00ގައި ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހޭތީ އެވެ.
ދައުލަތުން އެކަމަށް އިއުތިރާޒެއް ނުކުރެ އެވެ. އެހެންކަމުން މިއަދު ގާޒީ ނިންމެވީ އަޑުއެހުން ކުރުކޮށްލާށެވެ. އަދި ދެން އޮންނަ އަޑުއެހުން އަންނަ މަހުގެ 11އަށް ތާވަލުކުރެއްވި އެވެ.
ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެމަނިކުފާނާ އޭސީސީއާ ދެމެދު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކޮށެވެ. ރައީސް ޔާމީން އެސްކްރޯ އެކައުންޓަށް ޖަމާ ކުރެއްވީ އެމަނިކުފާނުގެ ބީއެމްއެލް އެކައުންޓެއްގައި ހުރި އެއް މިލިއަން ޑޮލަރެވެ.
އާޒިމާއަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރަނީ އެސްކްރޯ އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބޭންކް އޮފް މޯލްޑިވްސްއިން ވަކި ގޮތަކަށް ލިޔުން ހޯއްދަވައި، އެ ލިޔުމުގެ ޒަރިއްޔާއިން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގަ އެވެ.