27 Sep 2020, 11:35
އައްޑޫ ސިޓީ ހިތަދޫ ބާސްކެޓް ކޯޓު އެ ރަށުގެ ޒުވާނުންގެ ބައިވެރިވުމާ އެކު މަރާމާތުކޮށް އަލުން ހުޅުވައިފިއެވެ.
މިއީ ފާއިތިވުދިޔަ 20 އަހަރު ތެރޭ މި ކޯޓު މަރާމާތު ކުރެވުނު ފުރަތަމަ ފަހަރެވެ. ނުކުޅެވޭ ވަރަށް މި ކޯޓުގެ ހާލަތު ދަށްވެފައި ވަނިކޮށް މި ކޯޓު މަރާމާތުކޮށްފައިވަނީ ހިތަދޫ ޒުވާނުންގެ އިސް ނެގުމަކަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުންނެވެ.
މިކަން ހާމަކުރައްވަމުން މިނިސްޓަރ އަހުމަދު މަހުލޫފް ކުރެވި ޓްވީޓެއްގައި ވިދާޅުވީ ހިތަދޫގައި ބާސްކެޓަށް ލޯބިކުރާ ފަރާތްތަކުގެ ނުހަނު ބޮޑު އެހީތެރިކަމަކާއެކު 20 އަހަރަށްފަހު އެ ކޯޓު އަލުން މަރާމާތު ކުރެވިފައިވާ ކަމަށެވެ. މި ކޯޓު މަރާމާތު ކުރުމަށް ބޭނުންވި ކުލަ ސީއެސްއާރުގެ ދަށުން ހަދިޔާކުރީ މާޒިޔާ ޓްރޭޑާސްއިންނެވެ.
ތަފާތު އެކި ކުލަތަކުން މި ކޯޓު ޖަރީކޮށް ނިންމާލާފައިވާ އިރު، މި މަސައްކަތުގައި ޒުވާނުންގެ ފަރާތުން ލިބުނު އެއްބާރުލުމާ އެހީތެރިކަމަކީ ގެއްލިގެން ގޮސްފައިވާ އާދައެއް އަލުން ދިރުމުގެ ރޫހު ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ
މިނިސްޓަރު މަހުލޫފް ވަނީ އައްޑޫ ސިޓީގެ ފެނަކަ ބްރާންޗާއި، އެމްއެންޑީއެފް ސަދަން ރީޖަންގެ ފަޔާ އެންޑް ރެސްކިއު އަދި ފަރުދީ ގޮތުން މި މަސައްކަތް ފުރިހަމަކުރުމަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ވާޗުއަލްކޮށް ބޭއްވުން ރަސްމިއްޔާތުގައި ކޯޓު ހުޅުވިގެންދިޔައިރު މިނިސްޓަރު މަހުލޫފް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. އަދި ރަސްމިއްޔާތަށްފަހު ހިތަދޫ ޒުވާނުންގެ މެދުގައި ވަނީ އެކުވެރިކަމުގެ ބާސްކެޓް މެޗެއް ކުރިޔަށް ގެންގޮސްފައެވެ.