ދީނީ މައްސަލަތަކުގައި ސަރުކާރަށް ލަފާދިނުމަށާއި ހިޔާލުތަފާތުވާ ދީނީ މައްސަލަތަކުގައި ވަކިގޮތްތަކެއް ކަނޑައެޅުމަށް ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ ފިގުހު އެކަޑަމީ އުފެދުނުތާ ތިން އަހަރު ފަހުން އެ އެކަޑަމީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދައުލަތުގެ ބަޖެޓުން އިސްލާމިކް މިނިސްޓްރީ އަށް ފައިސާ ދީފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިއަދު ވިދާޅުވީ ފިގުހު އެކަޑަމީ ހިންގުމަށް ވަކި ބަޖެޓެއް މިހާތަނަށް ދީފައި ނުވާ ކަމަށާއި ނަމަވެސް އެ މިނިސްޓްރީގެ ބަޖެޓްގައި އެ އެކަޑަމީ ހިންގުމަށް މި އަހަރު ފައިސާ ހިމަނާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށެހެޅި ދައުލަތުގެ ބަޖެޓްގައި ފިގުހު އެކަޑަމީގެ މަޝްވަރާގެ މަތީން ގައުމުގެ ދީނީ ކަންތައްތައް ތަންފީޒު ކުރުމަށް 203290ރ. ރިކަރަންޓް ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ.

"ފިގުހު އެކަޑަމީ ހިންގުމަށް މާގިނަ ފައިސާއެއް ހަރަދު ނުވާނެ. އެކަމަކު އެކަޑަމީގެ މެންބަރުންގެ ކޮމެޓީ އެލަވަންސާއި އިދާރީ ބޭނުމަށް ފައިސާ ހަރަދުވާނެ،" ޑރ. މަޖީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިގުހު އެކަޑަމީ ހިންގުމަށް އިސްލާމިކް މިނިސްޓްރީ އަށް ދީފައިވާ ފައިސާއާ އެކު، މާލީ ދަތިކަން ފިލައި ދީނީ އިލްމުވެރިންގެ މަޝްވަރާތައް ބާރަށް ކުރިއަށް ގެންދިއުމުގެ ދޮރު ހުޅުވިފައިވާ ކަމަށެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓްގައި އިސްލާމް ދީން ދެމެހެއްޓުމަށް 72 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކެޕިޓަލް ހަރަދުގެ ގޮތުގައި ޖަހާފައިވާ އިރު، ދީނީ ރޮނގުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހޯދާދީ ދީނީ އިލްމުވެރިން އުފެއްދުމަށް 55،967 ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ބަޖެޓްގައި ހިމަނާފައިވެ އެވެ. އަދި މެދުމިނުގެ އިސްލާމީ އުސޫލުތަކާ އެކު އެހެން މީހުންގެ ހިޔާލާއި ހައްގުތައް ރައްކާތެރިކުރުވުމުގެ މައްޗަށް ބާރުއެޅޭ ފަދަ ގޮތަކަށް ހޭލުންތެރިކަން އިތުރު ކުރުމަށް ދައުލަތުގެ ބަޖެޓްގައި 807115ރ. ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވެ އެވެ.