27 Sep 2020, 09:46
ވޮޝިންޓަން (ސެޕްޓެމްބަރު 27): އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ހުސްވެފައިވާ ގޮނޑިއަށް ކޮންޒަވެޓިވް ފިކުރުގެ ބޭފުޅެއްކަމަށްވާ އެމީ ކޯނޭ ބަރެޓްގެ ނަން އިހުތިޔާރު ކުރެއްވިކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފި އެވެ.
އުމުރުން 48 އަހަރުގެ އަންހެން ބޭފުޅެއްކަމަށްވާ ބަރެޓްގެ ނަން ސުޕްރީމް ކޯޓުގެ ފަނޑޔާރު ކަމަށް އިހުތިޔާރު ކުރެއްވިކަން ވައިޓް ހައުސްގައި ޓްރަމްޕް އިއުލާނު ކުރެއްވި އިރު ޓްރަމްޕްގެ އަރިހުގައި ބަރެޓް ހުންނެވި އެވެ. ޓްރަމްޕް ވިދާޅުވީ ބަރެޓް އަކީ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރަން ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު ބޭފުޅާ ކަމަށާއި އޭނާއަކީ ފިކުރާއި ވިސްނުން ވަރަށް ރަނގަނޅު އަދި އިލްމީ ގޮތުން ފުންނާބު އުސް ބޭފުޅެއް ކަމަށެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ ނުވަ ގޮނޑީގެ ތެރެއިން އެއްގޮނޑި ހުސްވީ އެބެންޗްގައި ހިމެނޭ ރޫތު ބޭޑާ ގިންސްބާގު ދާދިފަހުން އަވަހާރަވުމާ ގުޅިގެންނެވެ. ގިންސްބާގަކީ އެމެރިކާގެ ދީނީ ހަރުކަށި ފިކުރުގެ ނަސާރާއިންގެ ވިސްނުމާ ދެކޮޅު ލިބަރަލް ފިކުރުގެ ބޭފުޅެކެވެ.
ނަމަވެސް އޭނާގެ ބަދަލުގައި އެމަގާމަށް އައްޔަންކުރަން ޓްރަމްޕް އިހުތިޔާރު ކުރެއްވި އެމީ ކޯނޭ ބަރެޓްއަކީ ނަސާރާ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ. ޓްރަމްޕްގެ ގިނަ ސަޕޯޓަރުންނަކީ އެމެރިކާގެ ދޮން މީހުންގެ ތެރޭގައި ހިމެނޭ ނަސާރާ އިންޖީލީ ފިކުރުގެ (އިވެންގެލިކަލްސް) މީހުންނެވެ. މިއީ ނަސާރާ ދީނުގެ ހަރުކަށި ފިކުރަށް ތަބާވާ މީހުންނެވެ.
އެމީހުން ދެކޭ ގޮތުގައި އިސްރާއީލުން ކޮންމެ ފަދަ ޖަރީމާތަކެއް ހިންގިޔަސް އިސްރާއީލަށް އެހީތެރިވުމަކީ ނަސާރާ ދީނުގައި އެކަންކުރުން ލާޒިމު އަދި "ސަވާބު" ލިބޭނެ ކަމެކެވެ. ޓްރަމްޕްގެ ސަރުކާރުން އިސްރާއީލުގެ އަނިޔާވެރިކަމަށް އެހީތެރިވުމުގައި ހައްދު ފަހަނަޅައިދަނީ ވެސް މިސަބަބަށްޓަކަ އެވެ.
އެމެރިކާއަކީ ދީނާއި ދައުލަތް ވަކިކުރާ ނިޒާމެއްގެ ދަސްތޫރާއި ގާނޫނުތައް އޮންނަ ލިބަރަލް ފިކުރުގެ ޑިމޮކްރަސީއެއް ނަމަވެސް އެމެރިކާއަކީ ނަސާރާ ދީނުގެ ހަރުކަށި ފިކުރުގެ މީހުން ގިނަގައުމެކެވެ. ލިބަރަލް ފިކުރުގެ ދަސްތޫރާއި ގާނޫނުތައް އެމެރިކާގައި އޮތުމަކީ އިންޖީލީ ފިކުރުގެ މީހުން ދެކޭ ގޮތުގައި އެމީހުންގެ ފިކުރާ އެއްގޮތަށް އެމެރިކާގެ ރަސްމީ ކަންކަން ބައްޓަންކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. އެހެންކަމުން ދީނީ ފިކުރުގެ މީހުންނާއި ލިބަރަލް ފިކުރުގެ މީހުންގެ މެދުގައި ފިކުރީ އަރާރުންތައް ވަރަށް ބޮޑެވެ.
އެމެރިކާގެ ސްޕްރީމް ކޯޓުގެ ބެންޗަށް ފަނޑިޔާރުން އައްޔަންކުރަނީ އެމެރިކާގެ ރައީސް އިހުތިޔާރު ކުރައްވާ ބޭފުޅަކަށް ކޮންގްރެސްގެ މަތިގެ ކަމަށްވާ ސެނެޓުގެ ސިންޕަލް މެޖޯރިޓީން ރުހުން ދިނުމުން ކަމަށްވާއިރު ސެނެޓްގެ ސިންޕަލް މެޖޯރިޓީ އޮތީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށެވެ. އެހެންކަމުން މިހާރުއޮތީ ޓްރަމްޕް ބޭނުންވާ ބޭފުޅަކު އެމަގާމަށް ފަސޭހައިން އައްޔަން ކުރެވޭ ގޮތަށެވެ. ސެނެޓުގެ ރިޕަބްލިކަން ޕާޓީ މެންބަރުންގެ ތެރެއިން އެންމެ ބޭފުޅަކު ފިޔަވައި އެހެން މެންބަރުންވަނީ ވަނީ ރައީސް ޓްރަމްޕް އިހުތިޔާރުކުރައްވާ ބޭފުޅަކަށް ތާއީދުކުރާނެކަން ހާމަކުރައްވާފަ އެވެ.
އެމެރިކާގެ ސްޕްރީމް ކޯޓު ފަނޑިޔާރުންގެ ތިލަފަތް ދީނީ ފިކުރުގެ ކޮޅަށް ބަރުވެފައި
އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ނަސާރާ ދީނީ ފިކުރުގެ ބޭފުޅުންނާއި މިނިވަން ލިބަރަލް ފިކުރުގެ ބޭފުޅުން މިހާތަނަށް ތިބެނީ މާބޮޑަށް އެއްކޮޅަށް ބުރަނުވާ ގޮތަކަށެވެ. އެއްބޭފުޅަކު ކޮންމެވެސް އެއްފިކުރަކަށް ގިނަވާގޮތަށެވެ.
ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި މިހާތަނަށް ދީނީ ފިކުރުގެ ދެ ފަނޑިޔާރަކު އައްޔަން ކޮށްފައިވުމާ އެކު މިފަހަރު ވެސް ދީނީ ފިކުރުގެ ބޭފުޅަކު އައްޔަންކުރަން ޓްރަމްޕް ނިންމެވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ދީނީ ފިކުރުގެ ބޭފުޅުންނާއި މިނިވަން ލިބަރަލް ފިކުރުގެ ބޭފުޅުންގެ ބެލެންސް ވަނީ ދީނީ ފިކުރުގެ ބޭފުޅުންގެ ކޮޅަށް ވަރަށް ބޮޑަށް ބަރުވެފަ އެވެ. އެއީ ދީނީ ފިކުރުގެ ހަ ފަނޑިޔާރުންނާއި ލިބެރަލް ފިކުރުގެ ތިން ފަނޑިޔާރުންނެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ މިފަހަރު ފައިސަލާ ކުރާނެކަމަށް ބެލެވެނީ ސުޕްރީމް ކޯޓުން
އަނެއްކޮޅުން އެމެރިކާގައި ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ ވެސް މިފަހަރު ފައިސަލާ ކުރާނީ ސުޕްރީމް ކޯޓުންކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވާފައިވާތީ އެފަދަ ހާލަތެއްގައި ޓްރަމްޕްގެ ކޮޅަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބުރަވެދާނެކަމުގެ ކަންބޮޑުވުން އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑެން ވަނީ އެތަށް ފަހަރަކު ފާޅުކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ދީނީ ފިކުރުގެ ފަނޑިޔާރުން ގިނަވުމަކީ އެމެރިކާގެ ދަސްތޫރާއި ގާނޫނުތަކަށް ރިޢާޔަތް ނުކޮށް އެބޭފުޅުން ޓްރަމްޕްގެ ކޮޅަށް އެބޭފުޅުން ބުރަވުމެއްނޫނެވެ. ނަމަވެސް އެއީ ކަންބޮޑުވުމެކެވެ. އެމެރިކާއަކީ ވެސް ގިނަކަންކަން ފުރިހަމައަށް އަދި އިންސާފުވެރިކަމާ އެކު ދާ ގައުމެއް ނޫންކަން ތާރީހުތަކުން ހެކިދެ އެވެ.
އެމެރިކާގައި ކުރިން އަމަލުކޮށްފައިވާ ގޮތުން ރިޔާސީ އިންތިޚާބާ މިހާގާތްވެފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވެއްޖެނަމަ އެމަގާމަށް ބޭފުޅަކު އިހުތިޔާރު ކުރުމުގެ ކަންތައް ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު ކުރިޔަށް ގެންދާގޮތަށް ފަސްކުރަނީ އެވެ. އޮބާމާގެ ވެރިކަމުގައިވެސް ކަންތައް ކޮށްފައިވަނީ އެގޮތަށެވެ.
ނަމަވެސް ޓްރަމްޕްވަނީ އެމެރިކާގެ މި ޑްރެޑިޝަނަށް ތަބާވުމަށް ދެކޮޅު ހައްދަވައި އޭނާގެ އަމިއްލަ ސިޔާސީ އެދުން އިސްކުރައްވައިފަ އެވެ. މިއީވެސް އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއާއި އެޕާޓީގެ ސަޕޯޓަރުންގެ ކަންބޮޑުވުމެކެވެ --(ނޫސްއެޖެންސީތައް)