ސަން ފައުންޑޭޝަން މެދުވެރިކޮށް މެލޭޝިއާގެ އޭޝިއާ އީ ޔުނިވާސިޓީ (އޭއީޔޫ) އަށް ރާއްޖޭގެ ކުދިން ފޮނުވުމަށް "ރެފެރަލް އެންޑް ޕްލޭސްމަންޓް ސެންޓަރު"އެއް ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މޫކައި ހޮޓެލްގައި އޮތް އެ ސޮއިކުރުމުގައި އޭއީޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ރައީސް ޑރ. ޕްރޮފެސަރު އަންސާރީ އާއި ނައިބް ރައީސް ޑރ. މަކްޗީއެވެ. ސަން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ޖެނެރަލް މެނޭޖަރު އަޝްރަފް އަބްދުލް ރަހީމާއި ބޯޑް މެންބަރު އަލްއުސްތާޒު މުހައްމަދު އަނިލް އެވެ.
އޭޝިއާ އީ ޔުނިވާސިޓީ (އޭއީޔޫ) އަކީ އޭޝިއާގެ ގައުމުގެތަކުގެ އިތުރުން ދުނިޔޭގެ އެތައް ގައުމެއްގައި ފުޅާ ދާއިރާއެއްގައި މަތީ ތައުލީމުގެ ފުރުސަތުތައް ހުޅުވާލާފައިވާތާ ހަތަރު އަހަރުވެފައިވާ މެލޭޝިއާގެ މަޝްހޫރު ޔުނިވާސިޓީއެކެވެ.

މިއަދުގެ ރަސްމިއްޔާތަށް ފަހު ޖެނެރަލް މެނޭޖަރު އަޝްރަފް ވިދާޅުވީ މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ސަން ފައުންޑޭޝަން މެދުވެރިކޮށް އޭއީ ޔުނިވާސިޓީ އަށް ކުދިން ވެއްދުމަށާއި ފޮނުވުމުގެ ސެންޓަރެއް ރާއްޖޭގައި ގާއިމް ވެގެންދާނެ ކަމަށާއި އެގޮތުން މާދަމާ އެ ޔުނިވާސިޓީގެ ބޭފުޅުންނާއި ފައުންޑޭޝަންގެ ބޯޑް މެންބަރުންނާ އެކު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މާދަމާ އަޅުނގަޑުމެން އޭއީޔޫ ޔުނިވާސިޓީގެ ރައީސް އާއި ނައިބް ރައީސް އަދި ސަން ފައުންޑޭޝަންގެ ބޯޑް މެންބަރުންނާ އެކު މަޝްވަރާކުރާނަން. އަދި އެ މަޝްވަރާ ބައްދަލުވުމުގައި އެމްއޯޔޫގެ ދަށުން ދިވެހިންނަށް ކޮން ކަހަލަ ފުރުސަތުތަކެއް ލިބިގެންދާނެތޯ އާއި ދިވެހިންނަށް ކޮން ކަހަލަ ފައިދާތަކެއް ލިބޭނެތޯ އާއި ދިވެހި ރާއްޖޭގައި ހުރެގެން ކޯސްތައް ހެދޭނެތޯ އާއި އެކޮޅަށް ގޮސްގެން ކޯސްތައް ހެދޭނެތޯ ބަލައި މަޝްވަރާ ކުރެވޭނެ." އަޝްރަފް ވިދާޅުވި އެވެ.

ސަން ފައުންޑޭޝަންއަކީ، ސަންޓްރަވަލްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ އިސްނެންގެވުމުގެ މަތިން 2009 ވަނަ އަހަރު ރައްޔިތުންނަށް އެހީވުމުގެ ގޮތުން އުފައްދާފައިވާ ފައުންޑޭޝަނެކެވެ. އަދި އެ ފައުންޑޭޝަން އަށް ދެ އަހަރު ވެފައިވާ އިރު އެ ފައުންޑޭޝަނުން އަންނަނީ ރާއްޖޭގެ އެކިކަންކޮޅުގައި ތިބި ނިކަމެތިންނަށާއި ރަށްރަށުގެ ސިއްހީ އަދި ތައުލީމީ ދާއިރާއަށާއި މުޖުތަމައުއަށް އެހީތެރިވަމުންނެވެ.
އެ ފައުންޑޭޝަންގެ މުއައްސިސަކީ ވެސް ސިޔާމެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Ashraf (mp3)