27 Sep 2020, 07:46
ކަޝްމީރުގައި ލާ އިންސާނީ އަމަލުތައް ހިންގާ އިންޑިއާ ފުލުހުން އިސްރާއިލުން ތަމްރީންކުރުން ހުއްޓުވަން އެދި އިސްރާއިލްގެ ބަޔަކު އެ ގައުމުގެ ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އިސްރާއިލްގެ ސުޕްރީމް ކޯޓަށް އެ ޕެޓިޝަން ހުށަހަޅާފައި ވަނީ އެގައުމުގެ ހިއުމަން ރައިޓްސް ލޯޔަރު އެއިތޭ މާކް އެވެ.
އެ ޕެޓިޝަންގައި ސޮއިކުރި އިސްރާއިލްގެ ހިއުމަން ރައިޓްސް އެކްޓިވިސްޓް ސިގަލް ކޫކް އަވިޥީއަލްޖަޒީރާއަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ އެ ޕެޓިޝަންގައި 40 މީހުން ސޮއިކޮށްފައިވާ ކަމަށެވެ.
"ޕެޓިޝަންގެ މަގުސަދަކީ ކަޝްމީރުގެ ރައްޔިތުންނާ އެކު އަހަރުމެން ތިބިކަން އަންގައިދިނުން،" ސިގަލް ވިދާޅުވި އެވެ.
އެ ޕެޓިޝަން ހުށަހަޅާފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ޕެޓިޝަން ހުށަހެޅީ އިސްރާއިލްގައި ޓްރެއިންކުރާ އިންޑިއާގެ ފުލުހުންގެ ތެރެއިން ކަޝްމީރުގައި މަސައްކަތްކުރާ ފުލުހުން ސްކްރީންކުރަން އިސްރާއިލުން ދެކޮޅު ހެދުމުންނެވެ.
މިދިޔަ މޭ މަހު އިސްރާއިލްގެ ސަރުކާރުން ވަނީ އެ ޕެޓިޝަން ބޭރުކޮށްލުމަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ. އިސްރާއިލްގެ ސަރުކާރުން ބުނީ އެ ޕެޓިޝަންގެ ސަބަބުން އިންޑިއާ އެކު އޮންނަ ގުޅުމަށް ބުރޫ އަރާނެ ކަމަށެވެ.
އިންޑިއާ އިން އިސްތިއުމާރުކޮށްފައިވާ ޖައްމޫ އެންޑް ކަޝްމީރު ސަރަހައްދަކީ ލާ އިންސާނީ އަމަލުތައް ހިންގުމުގައި އަރާހުރި ސަރަހައްދެކެވެ. އެ ސަރަހައްދުގައި މުސްލިމުން މެރުމާއި ލާ އިންސާނީ އެތައް އަމަލެއް ހިންގަ އެވެ.
މިދިޔަ ޖުލައި މަހު ކަޝްމީރުގެ ތިން ރައްޔިތަކު މަރާލި ކަމަށް އިންޑިއާގެ ސިފައިން ދާދި ފަހުން ވަނީ އެއްބަސްވެސްވެފަ އެވެ.-- އަލްޖަޒީރާ--