16 Jan 2012, 13:51
ޑރ. ޖަމީލު ފުލުހަށް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.
ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ރޭ ނިންމާފައިވަނިކޮށް މި ރޭ ވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް ޖަމީލަށް ޗިޓް ފޮނުވައިފި އެވެ.
ސަރުކާރާ ބެހޭ ގޮތުން ސާބިތުނުހިފޭ ދޮގު ވާހަކަ ދައްކާ ކަމަށް ބުނެ ފުލުހުން ކުރާ ތަހްގީގަށް މިރޭ 8:30 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވަނީ މިއަދު 1:45 ހާއިރު ކަމަށް ޖަމީލް ވިދާޅުވި އެވެ.
ފުލުހުން ޖާމީލް ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ރޭ ކޯޓުން ހުކުމް ކޮށްފައިވީ ނަމަވެސް ފުލުސް އޮފީހަށް ވަޑައިގަންނަވަން މިރޭ ވެސް ތައްޔާރަށް ހުންނެވި ކަމަށް ޖަމީލް ވިދާޅު ވިއެވެ.
''އަޅުގަނޑު މިހުރީ ހަމަ ތައްޔާރަށް ދާން. ސާބިތު ނުހިފޭ ވާހަކަތައް ދައްކާ ކަމަށް ބުނެ ހަމަ އެއް މައްސަލައެއްގައި ގައި. މިރޭ 8:30 އަށް ހާޒިރުވުމަށް އަޅުގަނޑު ތައްޔާރު.'' ޖަމީލް ވިދާޅުވި އެވެ.
ގައުމީ ޕާޓީގެ ސެކެޓްރީޖެނަރަލް އަބްދުﷲ އަމީން ވިދާޅުވީ ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކާ ކަމަށް ވިދާޅުވެ ފާއިތުވި ތިން ރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ޕާޓީގެ ކައުންސިލް މެންބަރު ސަންދާނު އަހައްމައިދީއަށް މިރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް އަދި ޗިޓް ފޮނުވާފައިނުވާ ކަމަށެވެ.