ސްކޫލުތައް ޑިސްއިންފެކްޓު ކުރުމަށް ބޭނުންވާ ކެމިކަލް ހޯދުމަށް އިއުލާނު ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ސްކޫލުތައް ޑިސްއިންފެކްޓު ކުރުމަށް ބޭނުންވާ 1،400 ލީޓަރު ޑިސްއިންފެކްޓެންޓް ކެމިކަލް ގަންނަން ބޭނުންވާ ކަމަށެވެ.

ޔުނިސެފްގެ އެހީގައި ގަންނަ އެ ކެމިކަލް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ބިޑު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. މިނިސްޓްރީ އިން ބުނީ ބިޑް ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިއަކުން ގިންތިއެއްގައި ރެޖިސްޓްރީކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ.

އެ ޕްރޮޖެކްޓުގައި ރެޖިސްޓްރީ ވުމުގެ ފުރުސަތު މިމަހުގެ 29ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ބީލަން ހުށަހެޅޭނީ އެ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށާއި ބިޑް ސެކިޔުރިޓީގެ ގޮތުގައި 5،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެމުންދަނީ ސިއްހީ ގޮތުން ރައްކާތެރިިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. ޖުލައި މަހު ސްކޫލުތައް ހުޅުވާލިއިރު ސްކޫލުތަކަށް ބޭނުންވާ އަތްދޮންނަ ސައިބޯންޏާއި ކުދިންގެ ޓެމްޕަރޭޗާ ބަލާގެ ތާމޯމީޓަރު ވަނީ ހޯދައިފައެވެ. ސްކޫލަށް ހާޒިުރުވާން ޖެހެނީ މާސްކު އަޅައިގެންނެވެ.

މާލެ ސަރަހައްދުގައި ކޮވިޑުގެ ކޭސްތައް ގިނަވާން ފެށުމާއެކު މާލޭ ސްކޫލިތަކުގައި ކިޔަވައިދިނުން ހުއްޓާލާފައި އޮތުމަށްފަހު އަންނަ ހަފްތާ އިން ފެށިގެން ގްރޭޑު ނުވަޔަކުން 12 އަށް ސްކޫލުތަކުގައި ކިޔަވައިދެން ފަށަން ވަނީ ނިންމައިފައެވެ.