26 Sep 2020, 15:27
ރާއްޖޭގެ ސިފައިންނާއި އިންޑިއާގެ ސިފައިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީންތަކަކަށް އިންޑިއާގެ މަނަވަރެއް ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖެ އައިސްފައިވަނީ، އިންޑިއަން ނޭވީ ޝިޕް "އައިއެންއެސް ސުނޭނާ"އެވެ.
އެމްއެންޑީއެފްއިން ބުނީ، މަނަވަރު ރާއްޖެ އައިސްފައިވަނީ ސިފައިންގެ ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ސިލްސިލާކޮށް ހިންގާ ސާފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް ކަމަށެވެ.
އެ ތަމްރީންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށީގެން އަންނަ މަހު ހަތަރު ވަނަ ދުވަހާ ހަމައަށް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި ތަމްރީންތައް ނިންމުމަށްފަހު، އަންނަ މަހު ހަތަރު ވަނަ ދުވަހު އެ މަނަވަރު ފުރާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ތަމްރީންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަޙައްދުގަ އެވެ. މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 70 ވަނަ ސާފޭސް ސަވައިލަންސް ޕެޓްރޯލް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މިމަހު އަށް ވަނަ ދުވަހު ވެސް އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެ އައިސްފައިވެ އެވެ. އެ ތަމްރީން ކުރިއަށް ގޮސްފައިވަނީ މިމަހު 16ގެ ނިޔަލަށް ކަމަށް އެމްއެންޑީއެފް ބުނެފައިވެ އެވެ.
އޭގެ އިތުރުން ސަވަޔަލެންސް ޕެޓްރޯލަށް އިންޑިއާ ސިފައިންގެ ޑޯނިއާ ފްލައިޓު މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ވެސް ވަނީ ރާއްޖެ އައިސްފަ އެވެ.