16 Jan 2012, 13:44
ސަންދާނު އަހަންމައިދީ މައްސަލައިގައި ފުލުހުން ކޯޓަށް ހާޒިރު ނުވެއްޖެނަމަ ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އެންގުމުން ފުލުހުން ކޯޓަށް ހާޒިރު ވެ ޖަވާބުދާރީ ވެއްޖެ އެވެ.
ފުލުހުން މިއަދު ހެނދުނު ކޯޓަށް ހާޒިރުވީ ގައުމީ ޕާޓީގެ ކައުންސިލް މެންބަރު ސަންދާން އަހަންމައިދީ ހައްޔަރުކުރި މައްސަލައިގައި ޖަވާބުދާރީވުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު ދެ އަމުރަށް ވެސް ހާޒިރުވެފައިނުވާތީ ތިންވަނަ އަމަރެއް ނެރުމަށްފަހު އެ އަމުރަށް ތަބާނުވެއްޖެނަމަ ފުލުހުންނާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ސިޓީއަކުން އެންގުމުން ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.
ފުލުހުން ކޯޓަށް ހާޒިރުވީ ސަންދާނު އަހަންމައިދީ ފުލުހުން ހައްޔަރު ކުރީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އޭނާގެ ވަކީލު އަބްދުﷲ ސައީދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ފުލުހުން އަހަންމައިދީ ހައްޔަރުކުރީ ފުލުސް އޮފީހަށް ހާޒިރުކޮށް ކުރި ސުވާލުތަކަށް ދިން ޖަވާބުތަކަށް ބަލާއިރު އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެތީ ކަމަށެވެ. އަހައްމައިދީ ހައްޔަރު ކުރި މައްސަލާގައި ކޯޓުން ނެރުނު އަމުރަށް ފުލުހުން ކުރިން ހާޒިރުނުވީ އަމުރު ލިބުނު އިރު ފުލުހުން އޭނާ ދޫކޮށްލާފައިވާތީ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ސަރުކާރާމެދު ސާބިތު ނުހިފޭ ވާހަކަދެއްކި ކަމަށް ތުހުމަތު ކުރާ އެންމެންނާއި މެދު އެއް އުސޫލަކުން އަމަލު ނުކުރީ ކީއްވެގެންތޯ އިސް ގާޒީ ވަނީ މިއަދު ރިޔާޒާ ސުވާލު ކުރައްވާފަ އެވެ.
ރިޔާޒް ވިދާޅުވީ އެ މައްސަލަތަކުގެ ތަފާސްހިސާބު ނެތުމުން އެ ސުވާލަށް ޖަވާބުދާރީ ވެވެން ނެތް ކަމަށެވެ. ރިޔާޒު އެހެން ވިދާޅުވުމުން ތަހުގީގަށް ފުލުހުން ހައްޔަރުކުރާ އެންމެންނާއި މެދު އަމަލުކުރަން ވާނީ އެއްއުސޫލަކުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
"އަހަންމައިދީ ކަމަށް ވިޔަސް މުހައްމައިދީ ކަމަށް ވިޔަސް އެންމެންނާއި ދޭތެރޭ ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް ގާނޫނު އަސާސީގައި ވަނީ،" އިސް ގާޒީ ވިދާޅުވި އެވެ.
އަހަންމައިދީގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސ. ފޭދޫ ދިއްގާގަސްދޮށުގޭ ޑރ. ހަސަން ސައީދު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުންދީ ދެ ގަޑިއިރުވަންދެން އަހަންމައިދީ ފުލުހުންގެ ސުވާލުތަކަށް ޖަވާބުދީފައިވާއިރު ފުލުހުން އަހަންމައިދީ ހައްޔަރުކުރީ ގާނޫނު އަސާސީ އާއި ޚިލާފަށް ކަމަށެވެ.
އަހަންމައިދީ ވަނީ މިއަދު އަމިއްލަފުޅަށް ވެސް ކޯޓްގައި ވާހަކަ ދައްކަވާފަ އެވެ. ވިދާޅުވީ އޭނާގެ މައްސަލަ ތަހުގީގު ކުރަނީ ފުލުހުން ނޫން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަނީ ހޯމް މިނިސްޓަރު ހަސަން އަފީފް ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން ހަރަކާތްތެރިވަނީ ރޮބަޓުންގެ ގޮތުގައި ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ މި މައްސަލައިގެ އަޑު އެހުން ނިންމަވާލެއްވީ ކަމަށާއި ދެން އޮންނާނީ ނިޔާ ކަނޑައެޅުން ކަމަށް އިއުލާން ކުރައްވާފަ އެވެ.