16 Jan 2012, 13:26
ރައީސް ނަޝީދު ޖަލަށް ލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެމަނިކުފާނު ޖަލަށް ނުލެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
''ތިޔަހެނެއް ނުކިޔޭނެ'' ކެމްޕޭނު ހަތަރު ވަނަ ޖަލްސާގައި އެމްޑީޕީގެ ހަރުގޭގައި ރޭ އަލީ ވަހީދު ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ކަމުގައި ހުންނެވި މުހަމަދު ނަޝީދު ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ދައްކާ ވާހަކައަކީ ''ބުއްދި ޤަބޫލު ކުރާ ވާހަކައެއް ނޫން'' ކަމަށެވެ.
''ދެން މި ބުނަނީ ދިގު މުއްދަތަކަށް މުހައްމަދު ނަޝީދު ޖަލަށް ލާނަމޭ. ނުލެވޭނެ އިނގޭތޯ. އެއީ މި ހަދާފައިއޮތް ގާނޫނު އަސާސީ އޮތް ގޮތުން މިއުޅެނީ ތިރީސް އަހަރު އެކަން (ވެރިކަން) ކޮށްފައި ހުރި މީހަކު ޖަލަށް ނުލެވިގެން، ދެން ކިހިނެތްތޯ ތިން އަހަރު ވެރިކަން ކޮށްފައި ހުރި މީހަކު ޖަލަށް ލެވޭނީ. އެއީ ބުއްދި ޤަބޫލު ކުރާވާހަކަ އެއްނޫން.'' އަލީ ވަހީދު ވިދާޅުވި އެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމުގައި ހުންނެވި އިރު، މަލާމާތުގެ ރާގަށާއި އަދި ތަފާތު ގޮތްގޮތަށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި، އަލީ ވަހީދު ރޭ ވިދާޅުވީ ރައީސް ނަޝީދު ޖަލަށް ލާކަމުގައިވާ ނަމަ ޖަލަށް ލާންތިބި މީހުން ވަރަށް ގިނަ ކަމަށާއި އެމްޑީޕީ މީހުންނަށް ޖަލު އާތަނަށް ނުވާނެ ކަމަށެވެ.
''އެ ޖަލަށް ލަންޏާ ޖަލަށް ލާންތިބި މީހުން ވަރަށް ގިނަ. އަނެއްކާ އެމްޑީޕީގެ އާންމު މެންބަރުނަކީ ޖަލު އާ ބައެއްނޫން. އެމްޑީޕީ އުފެދިގެން އައީކީ އެއާކޯން ކޮޓަރިއަކުންނެއް ނޫން. އެމްޑީޕީ އުފެދިގެން އައީ ދުންފިނިގޭ ހަރުގެ ތެރެން އެތަން ތަނުން،'' އެނާ ވިދާޅުވި އެވެ.
ޑރ. ޖަމީލާއި ސަންދާނު އަހަންމައިދީގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މިއަދުގެ ވެރިކަން ފަސޭހައިން ވައްޓާނުލެވޭ ކަމަށާއި އެވަރުގެ ގާބިލުކަން އިދިކޮޅު ފަރާތްތަކުގައި ނެތް ކަމުގައި ތަކުރާކޮށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި މި ސަރުކާރުން ސިޔާސީ މީހަކު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްގެން ގެންގުޅެން ނޫޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
''އަޅުގަނޑުމެން ނޫޅެން މިރާއްޖެ އަކު މީހަކު ހައްޔަރުކުރާކަށް. އަޅުގަނޑުމެން މިދަންނަވަނީ ޑރ. ޖަމީލާއި ސަންދާނު އަހަމައިދީ އާ އަޅުގަނޑުމެން ނޫޅެން އެތައް ސަތޭކަ އަހަރެއް ވަންދެން ޖަލަކަށް ލާކަށް. އަޅުގަނޑުމެން މިތިބީ ފުދިފައޭ. މިތިބީ ވެރިކަމުގަ އޭ. މިރާއްޖެ އިން ޖަލަށްލާ އުސޫލު އެމްޑީޕީން ގެނައި ނަމަ ޕީޕީއެމްގެ ކުރީ ސަފު އޮންނާނީ ދޫނިދޫ ޖަލުގައި،'' އޭނާ ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ