26 Sep 2020, 07:28
އިލެކްޝަންސް ކޮމިޝަންގެ ކުއްލި ޖަލްސާތަކުގައި އިންތިހާބުގެ މައްސަލަތައް ނުބެލޭ ގޮތަށް އެ ކޮމިޝަންގެ ގަވައިދަށް އިސްލާހު ގެެނެސްފި އެވެ.
މިދިޔަ ބުދަ ދުވަހު ގެޒެޓްކޮށްފައިވާ ކޮމިޝަންގެ ގަވައިދުގެ ތިން ވަނަ އިސްލާހަށް ކުއްލި ޖަލްސާގައި ނުނިންމޭނެ ކަންކަން ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކުއްލި ޖަލްސާތަކުގައި ބޮޑެތި ބައެއް މައްސަލަތަކުގައި ގޮތް ނުނިންމޭނެ ކަށް އިސްލާހުގައި ބުނެފައިވެ އެވެ.
އިންތިހާބުތަކާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލައް ނުބެލުމުގެ އިތުރުން ދެން ނުނިންމޭނެ ކަމަށް ހިމަނާފައިވަނި ބަޖެޓާއި، ފައިސާއާ ގުޅޭ ކަންކަކަމާއި ކޮމިޝަނުގެ ގަވާއިދަށް ބަދަލުގެނައުމާއި ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް އިންތިހާބު ކުރުމެވެ.
އޭގެ އިތުރުން މުވައްޒަފުންގެ ވަޒީފާއާއި މުސާރައާއި އިނާޔަތްތަކަށް ބަދަލުގެނައުމާއި ކޮމިޝަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނައުމާއި މެންބަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ހަމަޖެއްސުން އަދި ކޮމިޝަނަށް އައު މުވައްޒަފަކު ލެއްވުމާއި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކުއްލި ޖަލްސާތަކުގައި ނުނިންމޭނެ ކަމަށް އާ އިސްލާހުގައި ބުނެފަ އެވެ.
އިސްލާހުގައި ބުނާ ގޮތުން، ކުއްލި ޖަލްސާއަކީ، ކޮމިޝަނުގެ ހިންގުމާ ގުޅޭ ނުވަތަ މަސައްކަތާ ގުޅޭ މުހިންމު ކަމަކާމެދު މަޝްވަރާ ކުރުމަށް ޓަކައި މެންބަރަކު އެދިގެން ކުއްލިއަކަށް ބާއްވާ ޖަލްސާއެވެ. އެގޮތުން ކޮމިޝަނުގެ ކޮންމެ މެންބަރަކަށްވެސް ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އެދެވިދާނެ ކަމަށް އިސްލާހުގައި ބުނެއެވެ.
ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިރޭ "ސަން"އަށް ވިދާޅުވީ، އެ އިސްލާހު ގެނައުމުގެ މައިގަނޑު މަގްސަދަކީ ޖަލްސާއަށް އެޖެންޑާ ކުރެވޭ ކަންކަމަށް މެމްބަރުނަށް އެކަށީގެންވާ ވަގުތުދީ، އެންމެ ރަނގަޅު ގޮތުގައި ނިންމުންތައް ނިންމުމަށް ކަމަށެވެ.
"ކުރިން އޮންނަ ގޮތުން ކުއްލިއަކަށް ޖަލްސާ ބައްވައިގެން [ބޮޑެތި] ކަންކަން އެބަ ނިންމާލެވޭ. މީގެ ކުރިން ވެސް އެބަހުރި އަހަރުމެންގެ ދައުރުގެ ކުރިން ނުރަސްމީކޮށް ކުއްލި ޖަލްސާ ބާއްވައިގެން ބޮޑެތި ކަންކަން ނިންމާފައި. އެފަދަ ޖަލްސާތަކުގެ ޔައުމިއްޔާއެއްވެސް ނުހުރޭ." އަކްރަމް ވިދާޅުވި އެވެ.
މީގެ ކުރިން އެ ގަވައިދު އޮތް ގޮތުން، ކުއްލި ޖަލްސާގައި ނުންމޭނެ ކަމަށް ނުވަތަ ނުބެލޭނެ މައްސަލަތައް ބަޔާންކޮށްފައި ނުވެ އެވެ. އެހެންކަމުން އޭރު ގަވައިދު އޮތް ގޮތުން ބޮޑެތި މައްސަލަތައް ވެެސް ކުއްލި ޖަލްސާ ބާއްވައިގެން ނިންމުމަށް ހުރަހެއް ނޯވެ އެވެ.