އިނގިރޭސި ވިލާތުގެ ފާދިރީއަކަށް ދައުލަތުން އެއްވެސް މުސާރައެއް އަދި އެލަވަންސެއް ވެސް ދީފައިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކެރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.

ޒުހެއިރު މިހެން ވިދާޅުވީ ސަރުކާރާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ގައުމީ ޕާޓީގެ ނައިބް ރައީސް އާއި އެ ޕާޓީގެ ކައުންސިލް މެންބަރު އަހުމަދު އިބްރާހިމް ދީދީ (ސަންދާން އަހަންމައިދީ) ދައްކަވާފައިވާ ކަމަށް ބުނެ އެ ބޭފުޅުން ދެއްކެވި ވާހަކަތަކުގެ ތަފްސީލް ދެއްވަމުންނެވެ.

ޒުހެއިރު ވިދާޅުވީ ވީ ޓީވީން ލައިވްކޮށް ދެއްކި ޕްރޮގްރާމެއްގައި އިނގިރޭސި ވިލާތުގައި ދިރިއުޅޭ ފާދިރީއަކަށް މި ސަރުކާރުން މުސާރަދީގެން އެމީހާ އަށް އެތަނުގައި އޮފީހެއް އަޅައިދީގެން އުޅޭ ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަމަށާއި އެއީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެ ވާހަކަތަކާ ގުޅިގެން ސަރުކާރުން ބެލިބެލުމުން އެމީހަކީ ފާދިރީއެއް ނޫން ކަމަށާއި އެބުނާ މީހަކަށް ދައުލަތުން އެއްވެސް މުސާރައެއް ވެސް ދެމުން ނުދާ ކަމަށެވެ.

ފާދިރީއެއް ކަމަށް ބުނާ މީހަކީ ރާއްޖެ އަށް ހިލޭ ސާބަހަށް އެހީތެރިވާން ބުނީމަ ރާއްޖޭގެ ކޮންސިއުލްއެއްގެ ގޮތުގައި ހަމަޖައްސާފައިވާ މީހެއް ކަމަށް ވެސް ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ ވިދާޅުވި އެވެ. ނަމަވެސް އެމީހާއާ ބެހޭ ތަފްސީލެއް ޒުހެއިރު ނުދެއްވަ އެވެ.

"ދިވެހި ރާއްޖެއަށް ހިލޭ ސާބަހަށް މީހަކު އެހީތެރިވާން ބުނީމާ އެވާނެތޯ އެއީ ފާދިރީއަކަށް ދިވެހި ސަރުކާރުން މުސާރަ ދެނީ ކަމަށް. އިނގިރޭސި ވިލާތުގައި އުޅޭ ފާދިރީއަކު ދިވެހި ދައުލަތުގެ މަސައްކަތް ކުރަމުން ގެންދަނީ ދިވެހި ދައުލަތުން މުސާރަދީގެން އެތަނުގައި ފަޅިއެއްގައި އުޅެމުން ކަމަށް ވިދާޅުވެ، ދައްކާފައި ވަނީ ހަމައެއްވެސް ތާކުންތާކުން ޖެހޭ ވާހަކައެއް ނޫން. ދައުލަތުން އެބުނާ މީހަކަށް އެއްވެސް މުސާރައެއް ވެސް ނުދޭ،" ޒުހެއިރު ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ ޝެލިސްބަރީ އަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކައުންސެލަކީ ޑޭވިޑް ހާޑިންހަމް އެވެ.

ހާޑިންހަމަކީ ރައީސް މައުމޫންގެ ދުވަސްވަރު ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ރާއްޖެ އިން ޑިޕޯޓްކޮށްފައިވާ މީހެކެވެ. ނަމަވެސް ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން އޭނާގެ ޑިޕޯޓްކެންސަލްކޮށް ރާއްޖެއަށް އައުމުގެ ހުއްދަ ވަނީ ދެއްވާފަ އެވެ.

ސަރުކާރާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ސަންދާން އަހައްމައިދީދީ އާއި ޑރ. ޖަމީލުގެ އިތުރުން ދި ޓީވީ އިން ދައްކަމުން ގެންދާ ކަމަށް ބުނެ އެ މައްސަލަ ތަހްގީގްކޮށްދެއްވުމަށް އެދި ރައީސް ނަޝީދު ވަނީ ފުލުހުންނަށް ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލައިގެ ތަހްގީގް ވަނީ ފަށާފަ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Mohammed Zuhair (mp3)