04 Jul 2010, 11:13
14:30
ކެބިނެޓު އަލުން އެކުލަވާލާނީ އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު އުފެދިފައިވާ ސިޔާސީ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުން ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާއި ކަންބޮޑުވުންތައް ހައްލުކުރުމަށް ދިވެހި ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުންކަން ފާހަގަކުރައްވާ ޒުހެއިރު ވިދާޅުވެފައި ވަނީ، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެދުވެރިކުރައްވާ ވާދަވެރި އެހެން ޕާޓީތަކާއެކު މަޝްވަރާ ވާހަކަތައް ކުރިއަށްގެންދަވާ ކަމަށެވެ. އަދި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަތަކަށް ހައްލު ހޯދަމުން އަންނަ ކަމުގެ ޔަގީންކަންވެސް ޒުހެއިރު ދެއްވި އެވެ. އަދި މި މައްސަލަތަކަށް ހައްލެއް ހޯދުނުހާ އަވަހަކަށް ކެބިނެޓު އަލުން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރިއަށްގެންދަވާ ކަމަށް ޒުހެއިރު ވިދާޅުވި ނަމަވެސް، ޑީއާރްޕީގެ ސެކްރެޓްރީ ޖެނެރަލް އަބްދުއްރަޝީދް ނާފިޒް މިއަދު ވިދާޅުވީ، މަޝްވަރާކުރުމަށް އެދި ސަރުކާރުގެ ފަރާތުން ރަސްމީ ސިފައެއްގައި އިއްޔެ އާ ހަމައަށް އެއްވެސް ސިޓީއެއް ޑީއާރްޕީ އަށް ލިބިފައިނުވާ ކަމަށެވެ. އަދި އެމްޑީޕީ އާއި ޑީއާރްޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެމެދުގައި ވެސް އިއްޔެ އާއި ހަމައަށް އެއްވެސް ރަސްމީ މަޝްވަރާއެއް ނުކުރެވޭ ކަމުގައި ނާފިޒް ވިދާޅުވި އެވެ.