16 Jan 2012, 12:39
ވިހި މިލިއަން ޕައުންޑުގެ އަދަދަކަށް މިސީޒަންގައި ޗެލްސީއަށް ގުޅުނު ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫގެ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށް އެކުލަބުގެ ކޯޗު ވިޔަސް ބޮއަސް ބުނެފި އެވެ.
ކޯޗް ވިޔަސް ބުނީ، ލުކާކޫއަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އެހެންނަމަވެސް އޭނާ ކުލަބާ މެދު މިހާރު ގެންގުޅޭ ހިޔާލުތައް މިވަގުތަށް ބަދަލުކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި ކުލަބުގައި ކުޅެން ފުރުސަތު ލިބެން އުނދަގޫވާ ނަމަ، ލުކާކޫ އަށް އެހެން ޓީމަކަށް ދިއުމުގެ ފުރުސަތު އޮތް ނަމަވެސް، މިވަގުތަށް އޭނާ ގެންގުޅޭ ހިޔާލްތައް ބަދަލުކުރުން ވަރަށް މުހިންމު ކަމަށް ކޯޗް ވިޔަސް ބުންނެވެ.
"އަހަރުމެން ލުކާކޫ ބޭނުން. އޭނާ އަކީ ޒުވާން މޮޅު ކުޅުންތެރިއެއް. ކުލަބުން އޭނާގެ ކުޅުމަކަށް ގެއްލުމެއް ނުދޭން." ޗެލްސީގެ ކޯޗް ވިޔަސް ބޮއަސް ބުންޏެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން، ޗެލްސީ ދޫކޮށްލުމުގެ ވިސްނުމެއް ލުކާކޫ ގެންގުޅެނީ އޭނާ އަށް ކުޅުމުގެ ފުރުސަތު ކުލަބުން ނުދޭތީ ކަމަށް ބުނެ އެވެ. އެހެން ކަމުން އަންނަ ސީޒަނުގައި އެހެން ކުލަބަކަށް ބަދަލުވުމުގެ ވިސްނުމެއް އޭނާ ގެންގުޅޭ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.
ބެލްޖިއަމްގެ އަންޑަލެކްޓް އިން މި ސީޒަނުގައި ޗެލްސީ އަށް ބަދަލުވި އުމުރުން 18 އަހަރުގެ ފޯވާޑް ލުކާކޫ ފެނިގެންދާނީ ވެސް ޗެލްސީގެ އަށާރަ ނަމްބަރު ޖާޒީގަ އެވެ.
ލުކާކޫއަކީ ބެލްޖިއަމްގެ ސީނިއާ ގައުމީ ޓީމުގައި ވެސް އިސް ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. އެގޮތުން ލުކާކޫ ވަނީ ގައުމީ ޓީމަށް ކުޅުނު 10 މެޗުގައި ދެ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އޭގެއިތުރުން ލީގުގައި މިދިޔަ ސީޒަންގައި އެންޑަލެޗްޓްއަށް ލުކާކޫ ވަނީ 37 މެޗުން ސޯޅަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ލޫކާކޫ ވަނީ ބެލްޖިއަމް ލީގުގައި 2010 ވަނަ އަހަރު އެންމެ މޮޅު ދެ ވަނަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.