16 Jan 2012, 12:37
އާޖެންޓީނާގެ ފޯވާޑް ޑިއޭގޯ މިލީޓޯ ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑާ އެކު އޭސީ މިލާން އަތުން އިންޓަ މިލާން މޮޅުވެއްޖެ އެވެ.
ސޭންސީރޯ ސްޓޭޑިއަމުގައި ކުޅުނު މިމެޗްގެ ހަމަ އެކަނި ލަނޑު އިންޓައަށް މިލީޓޯ ކާމިޔާބު ކޮށްދިނީ މެޗްގެ 54 ވަނަ މިނެޓުގަ އެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އިންޓަގެ ކޯޗު ކްލައުޑިއޭ ރަނިއޭރީ ބުނީ، ވާދަވެރި އޭސީ މިލާން އަތުން މޮޅުވުމަކީ ލީގުގައި ކާމިޔާބު ހޯދުމަށް ލިބުނު އަލިމަގެއް ކަމަށެވެ. އަދި މެޗުން މޮޅުވުމުން އުފާވާކަމަށާއި މެޗުގައި ކުޅުންތެރިންދެއްކި ހިތްވަރުގަދަ ކުޅުމަށް ޝުކުރުވެރިވާ ކަމަށެވެ.
ކޯޗް ރަނިއޭރީގެ އިތުރުން، އެ ޓީމްގެ ފޯވާޑް މިލީޓޯ ބުނީ، އިދިކޮޅަށް ނުކުތް މިލާނާ ދެކޮޅަށް ޓީމުގެ ކުޅުންތެރިން ދެއްކީ ވަރަށް ވަރުގަދަ އަދި ސަޕޯޓަރުން ބަލާހިތްވާ ވަރުގެ ކުޅުމެއް ކަމަށެވެ. އަދި ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި ޓީމްގެ ކުޅުން ރަނގަޅު ކަމަށް ވެސް މިލީޓޯ ބުންޏެވެ.
ރޭގެ މެޗުން އިންޓަ މޮޅުވި އިރު، އެ ޓީމަށް ލިބިފައި ވަނީ ތާވަލްގެ ފަސް ވަނަ އެވެ. އެއީ 32 ޕޮއިންޓާއެކު އެވެ. އަދި ރޭގެ މެޗުން އޭސީ މިލާން ބަލިވުމުން އެ ޓީމް ވަނީ ދެ ވަނަ އަށް ވެޓިފަ އެވެ. އެގޮތުން މިވަގުތު ދެ ވަނާގައި މިލާން އޮތީ 37 ޕޮއިންޓާ އެކު އެވެ. އަދި ލީގުގެ އެއް ވަނާގައި އަދި އޮތީ ޔުވެންޓަސް އެވެ. އެއީ 38 ޕޮއިންޓާ އެކު އެވެ.