އެއްގޮތަކަށް ވެސް މަސްވެރިކަން ނުކުރާ ދޯނިތަކަކަށް ތެލުގެ ސަބްސިޑީގެ ގޮތުގައި ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ފިޝަރީޒް މިނިސްޓްރީގެ އިހުމާލުން ދޫކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީ އޮޑިޓް ކުރުމަށް ފަހު އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސޮއި ކުރައްވައި އޮޑިޓް އޮފީހުގެ ވެބްސައިޓުގައި މިއަދު ޝާއިއުކޮށްފައިވާ ރިޕޯޓުގައި ބުނަނީ މަސްވެރިންނަށް ސަބްސިޑީ ދޫކުރާ އިރު އެ ދޯންޏަކީ މަހަށް ފުރާ ދޯންޏެއްކަން ސާފުނުކޮށް ފައިސާ ދޫކުރުމުން، ދަތުރު ދިޔުމަށް ބޭނުން ކުރާ ދޯންޏަކާއި އަދި ވެލި ނެގުމަށް ބޭނުންކުރާ ދޯންޏަކަށް އެ މިނިސްޓްރީން ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އަދި މަހަށް ނުފުރާ އަހަރަކާއި ގާތްވެފައިވާ ދޯންޏަކަށް ވެސް ސަބްސިޑީގެ ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެ ތިން ދޯންޏަށް ސަބްސިޑީގެ ގޮތުގައި ޖުމްލަ 243،302ރ. ދޫކޮށްފައިވާ ކަމަށް އޮޑިޓް ހިސާބުތަކުން ދައްކަ އެވެ.

އޭގެތެރެއިން ދެ ދޯންޏަކަށް ދިން ސަބްސިޑީޒްގެ ފައިސާ އަމިއްލަ މީހަކު އޮޕަރޭޓްކުރާ އިންޖީނު ގެއަކަށް ބޭނުންކުރާ ކަމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބިފައިވީ ނަމަވެސް މިނިސްޓްރީން އެކަމަށް އަޅާނުލައި އެ ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވެފައި ވަނީ އެ ފައިސާ އޮޅިވާލައިގެން ނަގާފައިވާ ކަމަށް ފެންނާތީ އެ ފައިސާ ނެގި ފަރާތްތަކާއި އަދި ތެޔޮ ދޫކޮށްފައިވާ "ވާލިޔާ އޮއިލް ސަޕްލައި" އާއި "އިއްޒާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ" ދެމެދު ވެސް ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ފިޝަރީޒް މިނިސްޓްރީ އަށް އަންގާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ތެލުގެ ސަބްސިޑީ ދިނުމަށް ކަނޑައެޅި ބަޖެޓުގެ ތެރެއިން 549،764ރ. މިނިސްޓްރީގެ އަމިއްލަ ހަރަދުތައް ކުރުމަށް ބޭނުންކޮށްފައިވާ މައްސަލަ ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ސަބްސިޑީ ބެހުމުގައި ހަރަކާތްތެރިވާ މުވައްޒިފުންގެ އިތުރު ގަޑީގެ ލާރި އާއި އިދާރީ ބައެއް ހަރަދުތަކާއި މަސްވެރިންގެ ދުވަސް ފާހަގަކޮށް އަދި ފިޝަރީސް މިނިސްޓްރީ ވެލާނާގެ އަށް ބަދަލުކުރުމަށް އެ ފައިސާ ހަރަދުކޮށްފައިވެ އެވެ.

ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން ރަސްމީ ވަޒީފާގެ ބޭރުން މުސާރަ އާއި އިނާޔަތްތައް ހަމައަށް ލިބޭ ގޮތަށް އެ މިނިސްޓްރީން ދެ މީހަކު ކޮންޓްރެކްޓެއް ވެސް ނެތި ޕާޓް ޓައިމްގެ ގޮތުގައި ގެންގުޅެފައިވާ ކަމަށާއި އެމީހުންނަށް 625،816ރ. ހަދަރުކޮށްފައިވާ ކަމަށެވެ. އަދި މުވައްޒިފުންގެ ކަންތައްތައް ރަނގަޅަށް ރިޕޯޓްކުރެވޭނެ ނިޒާމެއް ނެތް ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މުވައްޒިފުންގެ އެޓެންޑެންސާއި އަދި އެލަވަންސްތައް ދިނުމުގައި ރަނގަޅު ނިޒާމެއް ނެތް ކަން ވަނީ ފާހަގަކޮށްފަ އެވެ.

މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ގިނަ ރަށްތަކެއް މުއްދަތެއް ނެތް ގޮތުގައި ދޫކޮށްފައިވާ އިރު ދަނޑުވެރިކަން ކުރުން ފަދަ އެކި މަސައްކަތްތަކަށް ދޫކޮށްފައި ހުރި އެތައް ރަށަކުން ދައުލަތަށް ލިބެން ޖެހޭ 54.1 މިލިއަން ރުފިޔާ މިހާތަނަށް ވެސް ނުލިބިވާ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުން އެ މިނިސްޓްރީގެ ތިޖޫރީގައި ހުންނަ ފައިސާ ރަނގަޅަށް ބެލެހެއްޓަމަކުން ނުދެ އެވެ. އަދި ތިޖޫރީގައި ބޮޑަތި އަދަދުތަކުން ފައިސާތައް ގެންގުޅޭ އިރު ތިޖޫރީގެ ފައިސާގެ ރިޕޯޓް ބަލަހައްޓާފައެއް ނުވެ އެވެ. އެގޮތުން ތިޖޫރި އޮޑިޓް ކުރި އިރު ވީނުވީއެއް ނޭނގި 2000 ވަރަކަށް ރުފިޔާ ވަނީ ގެއްލިފަ އެވެ. އަދި ފައިސާ ހޯދަން ޖެހޭ ޗެކްތައް ވެސް ތިޖޫރީގައި ހުރެ އޭގެ މުއްދަތު ހަމަވެފައިވާ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.

ފިޝަރީޒް މިނިސްޓްރީގެ މާލީ ހިސާބުތައް ވެސް ދިމައެއް ނުވެ އެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ އެ މިނިސްޓްރީގެ މާލީ ހިސާބުތަކަށް "ބަރޯސާ" ވެވެން ނެތް ކަމަށާއި ހަރަދު ކުރި ގޮތާއި ހިސާބުގައި ހިމަނާފައިވާ އަދަދުތަކާއި ބޮޑަތި ތަފާތުތަކެއް އެބަހުރި ކަމަށެވެ.