16 Jan 2012, 12:16
ސަރުކާރަށް ނިސްބަތްކޮށް ހަގީގަތާ ހިލާފު ވާހަކަތަކެއް ދެއްކެވި މައްސަލައެއް ތަހުގީގު ކުރުމަށް ކަމަށް ބުނެ ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މީގެ ދެ ދުވަސް ކުރިން ފުލުސް އޮފީހަށް ހާޒިރު ކުރިއެވެ. އެ ދުވަހު ޖަމީލަށާއި ގައުމީ ޕާޓީއަށް ތާއީދުކުރާ މީހުން އެއްވެ އަޑު އުފުލަމުން ދިޔައީ ފުލުހުންގެ މައި އިދާރާ ކުރިމަތީގަ އެވެ.
ހަނުހުރުމުގެ ހައްގު ބޭނުންކުރައްވައިގެން ހުންނަވަނިކޮށް ތިން ވަނަ ފަހަރަށް ޖަމީލު ފުލުސް އޮފީހަށް ރޭ ހާޒިރު ކުރި އިރު މަންޒަރު އޮތީ މުޅިން ތަފާތުކޮށެވެ. ސަލާމަތީ ފިޔަވަޅުތައް އޮތީ ވަރަށް ވަރުގަދަކޮށްފަ އެވެ.
ފުލުސް އޮފީހަށް ދެވެން އޮތް ހުރިހާ މަގުތަކެއްގައި ހުރަސް ބަހައްޓައި ހުރަހުގެ ފަހަތުގައި ފުލުހުންގެ ވަރުގަދަ ސަފުތަކެއް ރުކުރުވާލާފައި އޮތް އިރު ޝަހީދު ހުސެން އާދަމް ބިލްޑިން ކުރިމަތީގައި ފުލުހުންގެ ބަރު ވެހިކަލްތައް ޖަމާކޮށްފައި ހުއްޓެވެ. ރޭ ފާހަގަ ކުރެވުނު އަނެއް ކަމަކީ ގައުމީ ދިފާއީ ބާރުގެ ވަރުގަދަ ފައުޖުތައް އެކި ދިމަ ދިމާގައި ހަރަކާތްތެރިވަމުން ދިޔަ ދިއުމެވެ.
ޑރ. ޖަމީލު ފުލުހަށް ހާޒިރުވެ ވަޑައިގަތީ ރޭ 8:30 ގައެވެ. އޭރު ވެސް މަންޒަރު ބަލަން ހިސާބަކަށް މީހުން ޖަމާވެފައި އޮތެވެ.
"ހަނުހުރުމުގެ ހައްގު ބޭނުން ކުރައްވައިގެން ހުންނަވަނިކޮށް އަލުން ފުލުސް އޮފީހަށް ހާޒިރު ކުރަނީ ހައްޔަރުކުރަން ކަމަށް ބެލެވެނީ،" ޑރ. ޖަމީލު ފުލުސް އޮފީހަށް ހާޒިރުވެޑައިގަތް ވަގުތު އޭނާގެ ގާނޫނީ ވަކީލު އާޒިމާ ޝަކޫރު ރޭ ވިދާޅުވި އެވެ.
އާޒިމާ އިޝާރާތް ކުރެއްވެވި ފަދައިން ޑރ. ޖަމީލު ފުލުސް އިދާރާއަށް ވަދެވަޑައިގަތްތާ ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ހައްޔަރު ކޮށްފި އެވެ. އޭގެ އިރުކޮޅެއް ފަހުން ދޫނިދުއަށް ގެންދިއުމަށް ޑރ. ޖަމީލު ނެރުނެވެ.
"މިއީ ރައީސް ނަޝީދުގެ ވެރިކަމުގެ ނިމުމުގެ ފެށުން" ލޯންޗަށް އަރާވަޑައިގަންނަވުމުގެ ކުރިން ޑރ. ޖަމީލަށް ލިބި ވަޑައިގެންނެވި ހަނި ފުރުސަތެއްގައި ނޫސްވެރިންނާ ކުރިމަތިލައްވާ ގޮށްމުއް ކަވާލެއްވާ އަތްޕުޅުން ހިތްވަރުގެ ނިޝާން ދައްކަވާލައްވަމުން ވިދާޅުވި އެވެ.
ޑރ. ޖަމީލާއެކު ސަރުކާރުގެ ތަހުގީގު ޖަލު، ދޫނިދޫއަށްދާން އޭނާގެ ވަކީލު އާޒިމާ އާއި ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ވިލުފުށީ ކަތީބުގެ ރިޔާޒު ރަޝީދު މަސައްކަތް ކުރެއްވެވި އެވެ. ނަމަވެސް ރޭ އެ ފުރުސަތު އާޒިމާއަށް ލިބިވަޑައެއް ނުގެންނެވި އެވެ. އާޒިމާ ފަހަތުން ރިޔާޒަށް ވެސް ޖެހިވަޑައިގަތީ ތޮށިގަނޑުމައްޗަށް ފުންމާލާށެވެ.
ޑރ. ޖަމީލު ލޯންޗަށް އަރާވައިގަތް އިރު ވެސް އެހެން ރޭރޭ ފަދައިން މީހުންގެ ހަޅޭކުގެ އަޑު ގަދަވެ ފުލުހުންނާ ކުރިމަތިލާފައެއް ނުވެއެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އާޒިމާ އާއި ޑރ. ޖަމީލުގެ ގާތް އެކުވެރިތާ އަދި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައިދު ޖަމީލު މިނިވަން ކުރުމުގެ އަމުރެއް ހޯއްދަވަން ކްރިމިނަލް ކޯޓަށް ވަޑައިގަންނަވާ ހަބަރު ފެތުރުމާއެކު އެއްވެފައިވާ މީހުން ޝުއޫރު ފާޅުކޮށް ޑރ. ޖަމީލު ދޫކޮށްލުމަށް ގޮވާލަމުން ދިޔަ އެވެ.
"ރައީސް ނަޝީދު އިސްތިއުފާ، ޑރ. ޖަމީލު ދޫކޮށްލާ! " އެމީހުން ހަރު އަޑުން ގޮވަމުން ދިޔައެވެ. އަދި އިރުކޮޅެއް ނުވަނީ އަޑުގަދަ ކުރާއެއް ގެނެސް އެމީހުންގެ އަޑު ސަރަހައްދުގައި ހަދަކުރި އެވެ. އަދި ބައިބަޔަށް ބެހި އެއްބަޔަކު އިސްލާމީ މަރުކަޒާ ސިފައިންގެއާ ދެމެދު އޮންނަ މަގަށް އެއްވެ އެ ދިމާލުގައި ވެސް ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން ދިޔަ އެވެ.
އަދި އެއްބަޔަކު ކޮންޓްރޯލުން ނެއްޓި ފުލުހުންގެ މަގު ހުރަސްތައް ވައްޓާލައި، ހަމަނުޖެހުން ހިންގަން އުޅުމުގެ ނަތީޖާއަކަށްވީ ފުލުހުން ކުރިއަރައި އޭގެ ތެރެއިން ފިރިހެނަކާ އަންހެނަކު ހައްޔަރު ކުރުމެވެ. އަދި އޭގެ ފަހުން ގިނަ އިރެއް ނުކޮށް ފުލުހުން ވަނީ އެއްވުމުގެ ބައިތައް ރޫޅާލައި މުޅި ހިސާބު ސާފުކޮށްފަ އެވެ.
އެއްވުން ނިމުނީ ކަމަށް ބެލެވުނު ނަމަވެސް ދެން އަޑު އުފުލާން ފެށީ ޗާންދަނީ މަގުގަ އެވެ. އެ މަގުގައި ހޯމް މިނިސްޓަރު ހަސަން އަފީފު ދިރިއުޅުއްވާ ގޭދޮށަށް ގާތްގަނޑަކަށް 50 އަކަށް މީހުން އެއްވެ މިނިސްޓަރު އިސްތިއުފާއަށް ގޮވާ ހެދި އެވެ. އެއްވި މީހުންގެ ތެރެއަށް އެހިސާބުގަނޑުގެ ގެއަކުން ވަނީ ފުއްޕާ ހަމުގައި ފެންވެސް އުކައިފައެވެ.
އެއްވި މީހުންގެ ފޯރި ގަދަވީ ޑރ. ޖަމީލު ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުން ޑރ. ހަސަން ސައީދު ހުށަހެޅުއްވި މައްސަލައިގައި އެއްގަޑި އިރުގެ ތެރޭގައި އޭނާ ކޯޓަށް ހާޒިރު ކުރަން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނު ހިސާބުންނެވެ.
ހޯމް މިނިސްޓަރު ހަސަން އަފީފު ދިރިއުޅުއްވާ ގޭގެ ކައިރީގައި އަފީފުގެ އިސްތިއުފާއަށް ގޮވި ނަމަވެސް އެކަން ހުއްޓުވަން ފުލުހުން މަސައްކަތް ކޮށްފައެއް ނުވެއެވެ. އަދި ހަމަނުޖެހުމެއް ވެސް ހިނގާފައެއް ނުވެއެވެ. ނަމަވެސް އެ ސަރަހައްދުގެ މަގުތައް ބްލޮކްވެ ދުއްވާ އެއްޗެސަށާއި ހިނގާ މީހުންނަށް ތުރާލާ ކުރިމަތިވި އެވެ.
ރޭގާތްގަނޑަކަށް 11.00 ގައި ޑރ. ޖަމީލު ކޯޓަށް ހާޒިރުކުރި ހަބަރާއެކު މީހުންތައް މޫވް ކުރީ ޖަސްޓިސް ބިލްޑިންގާ ދިމާއަށެވެ. އެމީހުން އެދިމާއަށް ދިޔައިރު އެމްޑީޕީގެ މައި ހަރުގޭގައި ޖަލްސާ ކުރަމުން ދިޔައ އެޕާޓީގެ އެކްޓިވިސްޓުން ޖަސްޓިސް ބިލްޑިން ކައިރިއަށް ދާ ހަބަރު އޮތީ ފެތުރިފައެވެ. އެހެންވެ ބައެއް މީން ލޭ ހޫނުވެގެން އުޅުނެވެ.
އިދިކޮޅު މީހުންނާއި އެމްޑީޕީގެ އެކްޓިވިސްޓުންނާއި އަދި މަޖިލީހުގެ ބައެއް މެންބަރުން ޖަސްޓިސް ކައިރިއަށް ދިޔައިރު ފުލުހުން ވަނީ އެ ސަރަހައްދުގައި ސަފުތައް ރުކުރުވާލައި މުޅި ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
މަޝްރަހު މުޅިން އެހެން ގޮތަކަށް ބަދަލުވެ، އެންމްނެގެ ސަމާލުކަމަށް އައީ އެމްޑީޕީގެ އެކްޓިވިސްޓުންނާއި އިދިކޮޅު މީހުންގެ މެދުގައި ޒުވާބު އުފެދި ހަޅެއްލަވާ ހަދަން ފެށުމުންނެވެ.
އެއް ބަޔަކު ގޮވަމުން ދިޔައީ ޖަމީލު ހައްޔަރުކުރު ކުރުމަށެވެ. އަނެއް ބަޔަކު ގޮވަނީ "ތިޔަހެނެއް ނުކިޔޭނެ" ކަމަށެވެ.
ދެން އިވެން ފެށީ އިދިކޮޅު މީހުންނާއި އެއްކޮޅު މީހުންނަށް ވެސް ފުލުހުން އިންޒާރު ދޭން ފެށި އަޑެވެ. އެއީ ބައެއް ވަގުތުތަކުގައި ފުލުހުންނާ އާންމުންނާ ދެމެދު ހިނގި ކުދިކުދި ހަމަނުޖެހުން ތަކަކަށް ފަހުގައެވެ. އެހިސާބުން ސަރުކާރަށް ތާއީދުކުރާ މީހުންގެ ތެރެއިން ވެސް އަންހެނަކާ ފިރިހެނަކު ހައްޔަރުކުރިއެވެ. ހައްޔަރު ކުރި އަންހެނަކީ މ. އޭޝިޔާ ހަސަން އީވާން ނަސީމްގެ މަންމަ، މަރިޔަމް މަނިކެ އެވެ.
ފުލުހުންގެ އިންޒާރާއެކު އިދިކޮޅު މީހުން މަޑުމަޑުން ފަހަތަށް ޖެހުނެވެ. އަދި އެމީހުންގެ އަދަދުވެސް އެހިސާބުން ވަރަށް މަދުވިތަން ފެނުނެވެ. ނަމަވެސް އެއް ކޮޅުމީހުން ތިބި ފަރާތުގައި ކަން ހިނގީ ތަފާތު ގޮތަކަށެވެ. ދެ ފަހަރަށް ޕެޕަސްޕްރޭ ޖެހުމަށް ފަހުވެސް އެމީހުން ފަހަތަށް ޖެހުނީ ފުލުހުން އިތުރު ފިޔަވަޅުތައް އަޅައިގެންނެވެ. އެކަމުގެ ތެރޭގައި މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަކަން ވެސް ފަހުން އެނގުނެވެ. އެއީ ކާކު ކަމެއް ކިހާވަރެއްގެ އަނިޔާއެއް ކަމެއް އޮޅުން ފިލާ ގޮތެއް ނުވި އެވެ.
ދަންވަރު 12.30 ވާން އުޅެނިކޮށް، ޑރ. ޖަމީލު ދޫކޮށްލަން ކޯޓުން ކުރި އަމުރާ ގުޅިގެން އޭނާ ދޫކޮށްލި އެވެ. ދެން އިވުނީ އެއްބަޔަކު އުފާ ފާޅު ކުރުމުގެ އަޑެވެ. އަދި ޑރ. ޖަމީލާއި ޑރ. ހަސަން ތިއްބެވި ކާރު ދަތުރުކުރަން ފެށުމުން އެމްޑީޕީގެ މީހުން ވެސް އަޑުގަދަ ކުރި އެވެ.
އެހިސާބުން އިދިކޮޅުމީހުންނަށް ލިބުނު ހަބަރަކީ އެދެ ބޭފުޅުން ތިއްބެވި ކާރު ހިފެހެއްޓި ހަބަރެވެ. ހަގީގަތެއް ނެތް އެ ހަބަރާއެކު އެދިމާއަށް ދާން މީހުން މަސައްކަތް ކުރިއެވެ. ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައި ނުދެވުމުން އެމީހުން ދިޔައީ ވަށާލާފަ އެވެ.
ދެން ފެނުނީ އިދިކޮޅު މީހުންނާއި އެއްކޮޅު މީހުން މަސްހުނިވެ ތިބެ، އަޑު އުފުލިތަނެވެ. އެއްބަޔަކު ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން ދިޔައިރު އަނެއް ބަޔަކު ގޮވަމުން ދިޔައީ ޑރ. ޖަމީލާއި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ހައްޔަރުކުރުމަށެވެ. އަދި ދޭތެރެއަކުން "ތިޔަހެނެއް ނުކިޔޭނެ" ކަމަށް ގޮވާލަ އެވެ.
ދެ ވިސްނުމެއްގެ ދެ ބައިމީހުން އެހާބޮޑަށް މަސްހުނި ވުމުން އެތަނުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގިއެވެ. ނަމަވެސް ފުލުހުންގެ ސަފުތަކުގެ ތެރެއިން ފުރޭނިގެން އިދިކޮޅުމީހުން އެތަނުން ނުކުތެވެ.
އެހިސާބުން ސަރުކާރަށް ތާއީދުކުރާމީހުންގެ ހުރިހާ ފާޑުކިއުމެއް އަމާޒުވީ ފުލުހުންނަށެވެ.
" ފަސީހު އިސްތިއުފާ، ޑީއާރުޕީ ފުލުހުން އިސްތިއުފާ" އެއްވެ ތިބި މީހުން ގޮވަން ފެށިއެވެ. ފުލުހުން އެމީހުންގެ އޮޕަރޭޝަން ނިންމާލައި ވެހިކަލްތަކުގައި ނައްޓާލީ މުޅިތަން ސާފުކޮށްލުމަށްފަހު އެވެ. ދުރުދުރުން އެމްޑީޕީގެ މީހުން ގޮވާލަނީ "ތިޔަހެނެއް ނުކިޔޭނެ" އޭ އެވެ.