ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދީފި އެވެ.

ޔައުގޫބުގެ މެމްބަރު ކަމާމެދު ސުވާލު އުފެދުނީ، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް)ގެ ކައުންސިލަށް އޭނާ އައްޔަން ކުރުމާ ގުޅިގެން އެ މަގާމު އޭނާ ގަބޫލު ކުރި ހިސާބުންނެވެ.

ޔައުގޫބުގެ ގޮނޑި ގެއްލިޖެއް ކަމަށް ބުނެ ގާނޫނީ މާހިރުން ސުވާލު އުފައްދާފައިވަނިކޮށް ޖެހިގެން އައި ދުވަހު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ޔައުގޫބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެ އެވެ.

ހަލީމް ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައި ވަނީ، ގާނޫނު އަސާސީގެ އަށްވަނަ މާއްދާއާއި 78 ވަނަ މާއްދާއާ ޔައުގޫބު ހިލާފް ވެފައިވާ ކަމަށާއި އެހެން ކަމުން އޭނާ ފުރަމުންދާ ދާންދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދެއްވުން އެދޭ ކަމަށެވެ.

ގާނޫނު އަސާސީގެ އަށް ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ގާނޫނު އަސާސީގެ ސިޔާދަތެވެ. އެގޮތުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށް އެ މާއްދާގައި ބުނެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ މެމްބަރަކަށް ވުމުގެ ޝަރުތުތަކާއި މެމްބަރުކަމުން ވަކިވާނެ ހާލަތްތައް އަދި މެމްބަރެެއްގެ ގޮތުގައި ހުރެ އަދާކޮށްގެން ނުވާނެ ވަޒީފާތަކެވެ. އެގޮތުން އެ މާއްދާގެ (ރ)ގައި ބުނާ ގޮތުން، މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ޔަގޫބު ގޮނޑި ގެއްލިއްޖެ ކަމަަށް ކަނޑައެޅުމަށް ހަލީމް އެ މައްސަލަ ހުށަހެޅި އިރު، އިދިކޮޅު ޕީޕީއެމް ޕީއެންސީން ވެސް ވަނީ އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށް ބުނެފަ އެވެ.

ޔައުގޫބު މީގެ ކުރިން "ސަން"އަށް ވިދާޅުވީ، އޭނާ އެ މަގާމުގައި އިނުމުގެ އެއްވެސް ގާނޫނީ މައްސަލައެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެންމެ ރަނގަޅު ގޮތަކީ، ތަނާޒުލުވުން ކަމަށް ވާތީވެ، އެގޮތަށް ނިންމެވީ ކަމަށް ވެސް ޔައުގޫބު ވިދާޅުވި އެވެ.

ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހުސެކެވެ.