24 Sep 2020, 11:02
ވޮޝިންޓަން (ސެޕްޓެމްބަރު 24) : އެމެރިކާގައި ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެ ހާލަތެއްގައި ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފި އެވެ.
ވައިޓްހައުސްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޓްރަމްޕް ވިދާޅުވީ، ރިޔާސީ އިންތިޚާބު އޭނާއަށް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްއިރު އެނޫންގޮތަކަށް އެކަން ވެއްޖެ ނަމަ އެެހެން ސަރުކާރަކާ ވެރިކަމުގެ ބާރުތައް ހަވާލުކުރަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމުގަ އެވެ. އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ އެކަން ބަލަން ޖެހޭ ފަރާތްތަކުން ބަލާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. މިއީ ނާކާމިޔާބު ވެއްޖެ ހާލަތެއްގައި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށާއި އެ މައްސަލަ ހައްލުކުރަން ޖެހޭނީ އެމެރިކާގެ ސުޕްރީމް ކޯޓުން ކަމަށް ޓްރަމްޕް ކުރެއްވި ސީދާ އިޝާރާތެއްކަމަށް މުރާސިލުން ބުނެ އެވެ.
އިންތިޚާބުގެ ނަތީޖާ ފައިސަލާ ކުރަންޖެހޭނީ ސްޕްރީމް ކޯޓުން
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ، ސުޕްރީމް ކޯޓުން ނިންމަންޖެހިދާނެ ކަމުގެ އިޝާރާތް ޓްރަމްޕް ދެއްވާފައި މިވަނީ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ރުތް ބާޑާ ގިންސްބާގް މިދިޔަ ހަފްތާގައި އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް ޓްރަމްޕްގެ ކޮންޒަވެޓިކް އިންޖީލީ ފިކުރުގެ ފަނޑިޔާރަކު އިސްކުރުމަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގައި މިހާތަނަށް އަމަލުކޮށްފައިވާ ގޮތަށް ބަލާ އިރު ރިޔާސީ އިންތިޚާބާ މިހާގާތްވެފައިވާ ދަނޑިވަޅެއްގައި ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ކަނޑައަޅަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކަށް ބެލުމަށް ފަހު އިންތިޚާބުގެ ފަހުންނެވެ. ނަމަވެސް ޓްރަމްޕް ވަނީ މިކަމަށް ދެކޮޅު ހައްދަވައި އިންތިޚާބުގެ ކުރިން ސުޕްރީމް ކޯޓަށް އައު ފަނޑިޔާރަކު އައްޔަން ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
މިގޮތަށް ޓްރަމްޕް އަމަލުކުރައްވައިފި ނަމަ މިހާރު ބެލަންސްކޮށް އޮތް އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ގިނަވާނީ ޓްރަމްޕްގެ ހަރުކަށި އިންޖީލީ ފިކުރުގެ ފަނޑިޔާރުންނެވެ. މިފަދަ ހާލަތެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް ޓްރަމްޕް ބޭނުންވާ ގޮތަށް ނިންމުމުގެ ފުރުސަތު ބޮޑުވާނެތީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޕޯސްޓް މެދުވެރިކޮށް ލާ ވޯޓު އޮޅުވާލާނެކަމަށް ޓްރަމްޕް ދެކޭ
އަންނަ ނޮވެމްބަރު މަހުގެ 3ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބަށް އެންމެ ފަސްހަފްތާއަށް ވެފައިވާ އިރު ޓްރަމްޕް ވަނީ ޕޯސްޓް މެދުވެރިކޮށް ވޯޓުލުމުގެ ކަންތައް ކުރިޔަށް ގެންދިޔުމުގައި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ވިދާޅުވެ އެތައްް ފަހަރަކު ވާހަކަ ދައްކަވައިފަ އެވެ.
އެމެރިކާގެ ގާނޫނުތައް ބުނާ ގޮތުން ޕޯސްޓް މެދުވެރިކޮށް ވޯޓުލާން ބޭނުންވާ މީހުންނަށް އެގޮތަށް ވޯޓުލުމުގެ ފުރުސަތު ދޭންޖެހެ އެވެ. އެމެރިކާގެ ކަންކޮޅުތަކުގައި ކޮވިޑް-19 ބަލިމަޑުކަން އިންތިހާއަށް ފެތުރި ކޮވިޑް ކޮންޓްރޯލް ކުރަން އެމެރިކާ ނުކުޅެދިފައިވާއިރު އެބަލީގައި ދެލައްކައަށް ވުރެ ގިނަ އެމެރިކާގެ ރައްޔިތުން މިހާތަނަށް ވަނީ މަރުވެފަ އެވެ. ކޮވިޑްގެ ބިރުވެރިކަން އެމެރިކާގައި އިންތިހާއަށް އޮތް މިދުވަސްވަރު ގިނަ ބަޔަކު ވޯޓުލާނީ ޕޯސްޓް މެދުވެރިކޮށް ކަމަށްވަނީ ބެލެވިފަ އެވެ. އަދި ބައެއް ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކުން މިކަމަށް ބާރުއަޅަމުން ވެސް ގެންދެ އެވެ.
އެމެރިކާގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބުކުރަނީ ރައްޔިތުންގެ ސީދާވޯޓަކުން ނޫން
އެމެރިކާއަކީ ޑޮމޮކްރެޓިކް ގައުމެއް ނަމަވެސް އެމެރިކާގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބުވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ނޫނެވެ. އިލެކްޓޯރަލް ކޮލެޖް ނަމަކަށްކިޔާ 538 މީހުން ހިމެނޭ ގްރޫޕަކުން ދޭ ވޯޓުންނެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕްގެ ވާދަވެރިޔާ ހިލަރީ ކްލިންޓަން އަށް ރައްޔިތުންގެ ވޯޓު ޓްރަމްޕަށް ވުރެ އިތުރަށް ތިން މިލިޔަނަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. ނަމަވެސް އިލެކްޓޯރަލް ކޮލެޖް ނަމަކަށްކިޔާ 538 ހިމެނޭ ގްރޫޕުން ދިން ވޯޓު ގިނައީ ޓްރަމްޕަށެވެ. އެހެންކަމުން އެމެރިކާގައި ރައީސަކު އިންތިޚާބު ކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ނޫނެވެ. (ނޫސްއެޖެންސީތައް)