ބަޔާ ލެވަކޫޒަންއިން ދާދި ފަހުން ގެނައި ޒުވާން ފޯވާޑް ހާވާޓްޒްގެ ހެޓްރިކާ އެކު 6-0 އިން ދެ ވަނަ ޑިވިޝަނުގެ ބާންސްލީ ބަލިކޮށް ޗެލްސީއިން އިނގިރޭސި ލީގު ކަޕުގެ ހަތަރުވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު އެ މެޗުގައި އެކުލަބުން މޮޅު ކުޅުމެއް ދެއްކި އިރު، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާ ލެވަކޫސަން ދޫކޮށް 71 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުނު ކައިގެ އިތުރުން އެ މެޗުގައި ގޯލުތައް ޖަހައިދިނީ ޓެމީ އަބްރަހަމްއާއި، ރޮސް ބާކްލޭގެ އިތުރުން އޮލިވާ ޖިރޫޑް އެވެ.

ވޭތުވެ ދިޔަ ދެ ސީޒަންގައި ވެސް އެއްވެސް ކުޅުންތެރިއަކު ގަތުމުގެ ބާރު ކަނޑުވާލާފައި އޮތް ޗެލްސީއަށް ދީފައިވާ އަދަބު އުވާލައި ކުޅުންތެރިން ގެނެވޭގޮތްވީ އަލަށް މިފެށި ސީޒަނަށެވެ. އެއާ އެކު އެކުލަބުން ބޮޑެތި ހަރަދުތަކެއްކޮށް، ގިނަ ކުޅުންތެރިންތަކެއް މިހާތަނަށް ވަނީ ކުލަބަށް ގެނެސްފަ އެވެ. އެގޮތުން ރޭގެ މެޗުގައި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީއާ ގުޅުނު ދެ ކުޅުންތެރިން ކަމަށްވާ ބެން ޗިލްވެލް އާއި ތިއާގޯ ސިލްވާ ވަނީ ފުރަތަމަ ފަހަރަށް އެ ޓީމަށް ކުޅެފަ އެވެ. ޗެލްސީއާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން މިހާތަނަށް ރަސްމީ މެޗެއްގައި ނުކުޅޭ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ އަޔަކްސް ދޫކޮށް އެ ޓީމާ ގުޅުނު ހަކީމް ޒިޔެޗް އެވެ.

ރޭގެ މެޗުގައި ވިދާލި ކައި އެ މެޗުގައި ޖެހި ގޯލުތަކަކީ އޭނާ ޗެލްސީއަށް ޖަހައިދިން ފުރަތަމަ ގޯލުތައްވެސްމެ އެވެ. ޕްރިމިއާ ލީގުގެ ދެ މެޗުގައި ރަނގަޅު ކުޅުމެއް ކައިގެ ފަރާތުން ނުފެނުނު ނަމަވެސް ރޭގެ މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާ އޭނަގެ ޒުވާން ކެރިއަރުގެ ފުރަތަމަ ހެޓްރިކް ވެސް ފުރިހަމަ ކޮށްފަ އެވެ.

މީގެ އިތުރުން ލީގު ކަޕްގައި ރޭ އާސެނަލުން ވަނީ ލެސްޓާ ސިޓީ ދަނޑުގައި 2-0 އިން މޮޅުވެފަ އެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެ އެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލީޑު ނަގާފަ އެވެ. މި ލަނޑަކީ ލެސްޓާގެ ޑިފެންޑަރު ކްރިސްޓިއަން ފުކްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗުގައި އާސެނަލުން ލީޑު ފުޅާކޮށްފައި ވަނީ މެޗުގެ ފަހު ވަގުތުގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެޑްވަޑް ކެޓިއާ އެވެ.