16 Jan 2012, 12:15
ރ. ރަސްގަތީމު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރައްވާ ޑޮކްޓަރު ޗުއްޓީ ނެންގެވުމާ ގުޅިގެން ބަލިމީހުން ބެލުން ވަގުތީ ގޮތުން އެ މަރުކަޒުން މެދުކަނޑާލައިފި އެވެ.
ރަސްގެތީމު ކައުންސިލް އިދާރާ އިން ބުނީ އެ ރަށު ސިއްހީ މަރުކަޒުން ޑޮކްޓަރުން ބެލުން ވަގުތީ ގޮތުން މެދުކަނޑާލިކަން އިއްޔެ ރައްޔިތުންނަށް އަންގާފައިވާނެ ކަމަށެވެ.
ރަސްގެތީމު ސިއްހީމަރުކަޒާ ހަވާލުވެ ހުންނެވި ފާތުމަތު އަނޫޒާ މިއަދު ވިދާޅުވީ ހަތަރު ދުވަހުގެ ޗުއްޓީއެއް ޑޮކަޓަރު ނެންގެވުމާ ގުޅިގެންނާއި މިވަގުތު އިތުރު ޑޮކްޓަރެއް ލިބެން ނެތުމުން ޑޮކްޓަރަށް ދެއްކުން ވަގުތީ ގޮތުން އިއްޔެ އިން ފެށިގެން މެދުކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް އެހެން ޚިދުމަތްތަށް ލިބޭނެ ކަމަށް އަނޫޒާ ވިދާޅުވި އެވެ.
"މިހާރު ވެސް ބީޕީ ޗެކަޕްތައް ހެދޭނެ. ޑޮކްޓަރަށް ދެއްކުން މެދު ކަނޑާލިކަން އެންގީ މިވަގުތު އިތުރު ޑޮކްޓަރެއް ލިބެން ނެތުމުން. މީގެ ކުރިން ވެސް މިހެން ދިމާވީމާ އަޅުގަނޑުމެން އެކަން ރައްޔިތުންނަށް އަންގަން،" އަނޫޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަލިވެގެން މީހަކު ޑޮކްޓަރަށް ދައްކަން އަތުވެއްޖެ ނަމަ އެއަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގުޅައިގެން އެތާ ތިއްބަވާ ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ބަލި މީހުން ބަލާފައިވާނެ ކަމަށެވެ. ނަމަވެސް އެންމެ ނަރުހެއް މަސައްކަތް ކުރަމުން އަންނަ ރަސްގެތީމު ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތުމުން އެކަން ރައްޔިތުންނަށް އެންގީ ޑޮކްޓަރުން ތިއްބަވާ ރަށްރަށަށް ސިއްހީ ޚިދުމަތް ހޯދަން ދިއުމަށް ބޮޑަށް އިރުޝާދު ދެއްވުމުގެ ގޮތުން ކަމަށް އަނޫޒާ ވިދާޅުވި އެވެ.
މާލެ އާއި އަތޮޅުތަކުން ލިބެން ހުންނަ ސިއްހީ ޚިދުމަތުގެ ފެންވަރުދަށްވެފައިވާ ކަމަށް ބުނެ ރައްޔިތުންގެ ޝަކުވާތައް ވަނީ ފުނިޖެހިފަ އެވެ.