16 Jan 2012, 11:18
ފުލުހުންގެ މުއައްސަސާ މަސައްކަތް ކުރަނީ އެމްޑީޕީގެ ގުނަވަނެއްގެ ގޮތުގައި ކަމުގައި އަދާލަތު ޕާޓިން ބުނެފި އެވެ.
އަދާލަތުން ބުނީ ފުލުހުންގެ މުއައްސަސާ އިން މަސައްކަތް ކުރަނީ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތު ތަކަށް ފާޑުކިޔާ ފަރާތްތަކަށް ޖެއްސުން ކުރަން ސަރުކާރުން ބޭނުން ކުރާ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. އަދި އެކި ބަހަނާތަކުގައި އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރު ކުރުމާއި، ފުލުސް އޮފީހަށް ގެންދިޔުން ފަދަ ކަންކަމުގައި ކަމަށެވެ.
އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނީ ގައުމުގެ ސަލާމަތާއި އަމަން އަމާންކަން ދެމި އޮންނާނީ ސަލާމަތީ ބާރުތައް ސީޔާސީ ނުފޫޒުން ސަލާމަތްވެގެން ކަމަށެވެ. ސަލާމަތީ ކަންތަކާ އަމަން އަމާންކަން ބެލެހެއްޓުމުގެ މުހިންމު ޒިންމާ ހަވާލުވެފައިވާ ސިފައިންނާއި ފުލުހުން ޒިންމާދާރުވެ މިނިވަންކަމާއި ޢަދުލުވެރި ކަމާއިއެކު ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ސަރުކާރުގެ ލާދީނީ އެޖެންޑާއެއް އޮތް ކަމުގައި ބުނާ މީހުން އެކަން ސާބިތު ކުރަން ޖެހޭނެ ކަމަށް ސަރުކާރުން ބުނާއިރު އެކަމުގެ ހަގީގަތްތައް ފެންނަން ހުރިކަމަށް ވެސް އެ ބަޔާން ބުނެ އެވެ.
އެގޮތުން އައްޑޫ ސިޓީގައި ބެހެއްޓި ބުދުތައް ނަގަން އިސްލާމިކް މިނސްޓަރު ދެއްވާފައިވާ ލަފަޔަށް އެތަކެތި ނަގާފައި ނުވުމާއި ޒަޔަނިސްޓުން ބޭނުންވާ ގޮތަށް ތަޢުލީމީ މުޤައްރަރު ބައްޓަން ކުރަން ޒަޔަނިސްޓް “ހޮލޮކޯސްޓް” ފަލްސަފާ، މުގައްރަރުގައި ހިމަނަން އިޒްރޭލާއެކު އެއްބަސްވެ ސޮއިކޮށްފަވުމުން ލާދީނީ އެޖެންޑާ އެއް އޮތް ކަމަށް ބުނުމުގެ ޖާގަ ލިބޭ ކަމަށެވެ.
"...ގައުމީ މަހާސިންތާގައި އިސްލާމް އަދި ދިވެހި ދެ މާއްދާއަށް އިސްކަން ދޭން ނިންމާފައިވަނިކޮށް މި ދެ މާއްދާ މަތީ ސާނަވީ ކްލާސް ތަކުގައި އިޚުތިޔާރީ ކުރަން އުޅުމާއި، ޢަރަބި އިސްލާމީ ތަޢުލީމް ދޭ މުއައްސަސާތަކަށް ކުރި ގޯނާތައް އެއީ ކޮން އެޖެންޑާ އެއްގެ ދަށުން ހިންގި ކަމެއް ބާވައެވެ؟ މިސަރުކާރުގެ ލާދީނީ އެޖެންޑާއެއް އޮތް ކަމަށް ބުނުމުގެ ޖާގަ ލިބެނީ މިފަދަ ފާޅުކަން ބޮޑު ކަންތަކުންނެވެ. މިކަމުން ބަރީއަވާންވެގެން އެ ވާހަކަ ދައްކާ ފަރާތްތައް ހައްޔަރު ކޮށް ބިރުދެއްކުމަކުން މިއަދު ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ،" ނޫސް ބަޔާނުގައި ވެއެވެ.
ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެކި މުނާސަބަތު ތަކުގައި ދައްކަވާފައިވާ އިސްލާމް ދީނާއި ފުށުއަރާ ވާހަކަ ތަކާއި އެފަދަ އެތައް ވާހަކަފުޅުތަކަކީ ހުރިހާ ދިވެހި ރައްޔިތުން އަޑުއަހާފައިވާ އޭގެ އޯޑިއޯ ވީޑިއޯ ހުރި ވާހަކަތައް ނަމަވެސް އެކަންކަން ތަޙުގީގު ކުރަން ހުށަހެޅުމުން އެއީ އެއްވެސް ޙަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށް ބުނެ އެ ތަޙުގީގު ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު ޙަސަން ޢަފީފް ވިދާޅު ވުމުން ދޭހަވަނީ އެއީ ޒިންމާދާރު މަގާމަކަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށް އަދާލަތުން ބުނެ އެވެ.