23 Sep 2020, 18:27
ހައިކޯޓުގެ ފަނޑިޔާރުކަމަށް ސިވިލް ކޯޓުގެ ގާޒީ ހަސަން ޝަފީއު އާއި ސ. ފޭދޫ ކޯޓުގެ މެޖިސްޓްރޭޓް ފާތިމަތު ފަރުހީޒާ އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ފާސްކޮށްފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނުގެ ދަށުން ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން ސްކްރީންކޮށް، އިންޓަވިއު ކުރުމަށްފަހު، ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގެ ތަރުތީބުން، "ހައިލީ ރިކޮމެންޑް" ކޮށްފައިވާ ފާތިމަތު ފަރުހީޒާ އާއި "ރިކޮމެންޑް" ކޮށްފައިވާ ހަސަން ޝަފީއު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް 20 ސެޕްޓެމްބަރު ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.
ފާތިމަތު ފަރުހީޒާއަކީ މިހާރުވެސް ސ. ފެދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމުގެ މަގާމު އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ. ފަރުހީޒާ ވަނީ ގާނޫނީ ރޮނގުން މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ބެޗެލަރ އޮފް ލޯ (އޮނާޒް) އަދި މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވައިފައެވެ.
އޭގެ އިތުރުން ގާނޫނީ ވަކީލުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރުހީޒާ އަކީ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން ގާނޫނީ ދާއިރާއިން ކިޔަވައިދިނުމުގެ ތަޖުރިބާ ވެސް ހުރި ބޭފުޅެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
ހަސަން ޝަފީއު އަކީ ގާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އިން ބެޗެލާ އޮފް ލޯ (އެލްއެލްބީ) އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އަދި 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމެލީ ކޯޓުގައި މަސައްކަތް ކުރައްވަން ފެއްޓެވި ޝަފީއު އަކީ މިހާރު ސިވިލް ކޯޓުގެ ގާޒީއެކެވެ.
ޝާފިއު އަކީ ގާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށާއި ދާއިރާއިން ކިޔަވައިދިނުމުގެ އިތުރުން ގާނޫނުތައް ޑްރާފްޓް ކުރުމުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.