16 Jan 2012, 11:02
ހަ ވަނަ އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތް ރެޑްލައިނުން ރަނގަޅަށް ފަށައިފި އެވެ.
ޒުވާނުންގެ މަރުކަޒުގައި ރޭ ފެށި މިމުބާރާތުގެ ރެޑްލައިން، ޓީރެކްސްއާ ބައްދަލުކޮށް 92 ޕޮއިންޓް 87 ޕޮއިންޓުން ވަނީ ކާމިޔާބުކޮށްފަ އެވެ.
މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރެޑްލައިނަށް 26 ޕޮއިންޓް ހޯދައިދިން އަހުމަދު އަފްސާން ރަޝީދެވެ. ޓީރެކްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެޓީމްގެ ބިދޭސީ ކުޅުންތެރިޔާ އެވެ. އޭނަ ވަނީ ބަޔަށް 23 ޕޮއިންޓް ހޯދައިދީފައެވެ.
މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިމުބާރާތުގައި އަވަށްޓެރި ސްރީލަންކާގެ ޓީމަކާއެކު ރާއްޖޭގެ ތިން ޓީމު ވާދަ ކުރެއެވެ.
މުބާރާތުގައި ވާދަކުރާ ލަންކާގެ ޓީމަކީ ޑައިލޮގް އެކްސެޓާ އެވެ. އަދި ރާއްޖެއިން ވާދަކުރާ ތިން ޓީމަކީ ނިމިގެން ދިޔަ ޤައުމީ މުބާރާތުގެ އެންމެ ގަދަ ތިން ޓީމް ކަމުގައިވާ ރެޑްލައިން ކުލަބާއި ޓީރެކްސް އަދި ހަރިކޭން ބީސީ އެވެ.
މުބާރާތުގެ ދެ ވަނަ މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ލަންކާގެ ޓީމާއި ހަރިކޭން ބީސީ އެވެ.
ދެ ބުރަކަށް ބަހާލާފައިވާ މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭގައެވެ. މުބާރާތުގެ ފުރަތަމަ ބުރުން އެންމެ މޮޅު ޓީމަކަށް ފައިނަލްގެ ފުރަތަމަ ޖާގަލިބޭއިރު، ފައިނަލްގެ ދެ ވަނަ ލިބޭނީ ދެ ވަނަ ބުރުން އެންމެ މޮޅު ޓީމަކަށެވެ.